ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނެވުނު މުހިންމު އިސްލާހަކާއެކު، މަޖިލީހަށް ހުށަހެޅޭ ޤަރާރުތަކަށް ބަހުސްކުރުމުގެ ކުރިން އެ ޤަރާރެއް ބަލައިގަތުމާމެދު ވޯޓެއް އެހުން ކޮންމެހެން ލާޒިމުވާގޮތަށް ހަމަޖައްސައިފިއެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހަޅުއްވައި ޢާންމު ކޮމިޓީން ދިރާސާކުރެއްވި މި އިސްލާހު ފާސްވެފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 56 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ބަދަލާ އެކު، ކުރިން ޤަރާރަކަށް ފުޅާކޮށް ބަހުސްކުރުމަށްފަހު ނޫނީ ވޯޓަށް ނޭހޭ އުޞޫލު ބަދަލުވެ، ބަހުސް ފެށުމުގެ ކުރިން ވެސް ޤަރާރު ބަލައިގަންނަން ނުފެންނަ ކަމަށް ފާސްވެއްޖެނަމަ އެ ޤަރާރެއް އެ ހިސާބުން ބާތިލުވެގެންދާނެއެވެ.
މި ޖަލްސާގައި އިތުރަށް ނިންމުނު މުހިންމު ނިންމުމަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ހުށަހެޅުނު އިސްލާހު ފާސްކުރުމެވެ. މީރާއިން ކަނޑައަޅާ ޓެކްސްގެ އަދަދަކާ މެދު ހިތްހަމަނުޖެހިގެން ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާ ހާލަތްތަކުގައި، އިސްތިއުނާފު ކުރުމުގެ ކުރިން އިއުތިރާޒުކުރާ އަދަދުގެ ވަކި އިންސައްތައެއް ދައްކަންޖެހޭ ގޮތަށް ހަމަޖެއްސުމަށް ހުށަހެޅުނު މި ބިލު ފާސްވީ 54 މެންބަރުންގެ ވޯޓުންނެވެ. މި ބިލުގައި ޓެކްސްގެ މައްސަލަތައް އެޕީލް ކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާއި، %50 އާއި %100 ގެ އަދަދުތައް ދައްކަންޖެހޭ ޙާލަތްތައް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...