ފަތުވާ މަޖިލީސް ވަޅުލާފަ ބާއްވާފަ، ދީނީ އެއްބައިވަންތަކަމުގެ ވާހަކަދެއްކުން ދެކޮޅު ނުޖެހޭ: ޑރ. ޝަހީމް
އިސްލާމީ ފަތުވާ ކައުންސިލް ވަޅުލާފަ ބޭއްވުމަށް ފަހު ދިވެހި ރާއްޖެ އިސްލާމްވި ދުވަހުގައި ދީނީ އެއްބައިވަންތަ ކަމުގެ ވާހަކަ ދެއްކީމަ ދެކޮޅު ނުޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަންގެ ރައީސް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަސް މިއަދު ފާހަގަ ކުރުމުން ދާއިރު ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ގާއިމްކުރުމަށްޓަކައި ގާނުނުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އެއް އަސާސް ކަމުގައިވާ ދައުލަތުގެ އިސްލާމީ ފަތުވާ ކައުންސިލް ވަޅުލާފަ ބޭއްވުމަށް ފަހު އިސްލާމްވި ދުވަސް ފާހަގަކުރަން އެއްވެ ދީނީ އެއްބައިވަންތަ ކަމުގެ ވާހަކަ ދެއްކީމަ ދެކޮޅު ނުޖެހޭ ކަމަށެވެ.
“ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ޤާއިމް ކުރުމަށްޓަކައި ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ ވަރުގަދަ އެއް އަސާސް ކަމުގައިވާ (ދައުލަތުގެ އިސްލާމީ ފަތުވާ ކައުންސިލް) ވަޅުލާފަ ބާއްވާފަ އިސްލާމްވި ދުވަސް ފާހަގަ ކުރަން އެއްވެ ދީނީ އެއްބައިވަންކަމުގެ ވާހަކަ ދެއްކީމަ ދެކޮޅު ނުޖެހޭ.” އޭނާ ވިދާޅުވިއެވެ.
ފަތުވާ ކައުންސިލާ ގުޅޭގޮތުން ޑރ. ޝަހީމް ކަންބޮޑުވުން ފާޅުކުރެއްވިއިރު އެމަނިކުފާނު ވަނީ މީގެ ކުރިންވެސް ފަތުވާ ކައުންސިލްގަ ނުވަތަ ފަތުވާ އެކަޑަމީގައިވިޔަސް ތިބެންވީ އެހެން ގައުމުތަކުގެ ފަތުވާ އިމްޕޯޓް ނުކުރާ ނުވަތަ އަމިއްލަ ރައުޔަށް ތައައްސުބު ނުވާ އިލްމީ ފިގުހީ ބަހުސް ކުރަން ދަންނަ އަދި ވަގުތާއި ހާލަތަށް ފިގުހު ފައްތަން ދަންނަ ފިގުހުވެރިން ކަމަށް ވިދާޅުވެ މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ދީނީ މައްސަލަތަކުގައި ހާއްސަކޮށް ހިލާފު އުފެދޭ މައްސަލަތަކުގައި ފަތުވާ ނެރުމުގެ ޒިންމާ ހަވާލުކޮށް އެންމެ ފުރަތަމަ ފަތުވާ މަޖިލީހެއް އެކުލަވާލީ 2015 ވަނަ އަހަރުއެވެ.
ފަތުވާ މަޖިލީހަކީ، ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިގްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި، އުފައްދާފައިވާ “އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް” އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސާލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފަތުވާ މަޖިލީހަށް އައު މެމްބަރުން އައްޔަންކޮށްފައެއް ނުވެއެވެ.

