ޚަބަރު

ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރު ފިކުރީ މަގާމުން އިސްތިއުފާ ދެއްވައިފި

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން އޮފީހުގެ ޗީފް ލީގަލް އޮފިސަރުގެ މަގާމުގައި ހުންނެވި އަބްދުﷲ ފިކުރީ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު އެނގޭ އޮފިޝަލަކު ކަށަވަރުކޮށްދެއްވާފައިވާ ގޮތުގައި ފިކުރީ މަގާމުން އިސްތިއުފާ ދެއްވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ވަކި ސަބަބެއް އެ އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ފިކުރީ އިސްތިއުފާ ދެއްވާފައި މިވަނީ ޕެންޝަން ފަންޑުގައި ހުރި 2.4 ބިލިއަން ރުފިޔާގެ ބޮންޑު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކާލުމަށްފަހު، ސަރުކާރުގެ ބޮންޑަކަށް އިންވެސްޓުކުރުމުގެ މުއާމަލާތާ މެދު ސުވާލުތަކެއް އުފެދި، އެ މުއާމަލާތް މަޑުޖެހިފައި އޮތުމަށްފަހު އަލުން ކުރިއަށްގެންދަން އުޅޭކަމުގެ އަޑުތަކެއް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

އިގްތިސޯދަށް ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބުނެ މި މުއާމަލާތާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، ވޭތުވެދިޔަ މަސްތަކުގައިވެސް ޕެންޝަން އޮފީހުގެ ބޯޑުގެ އިސް ބޭފުޅުންނާއި ސީއީއޯ އާއި ސީއެފްއޯ ހިމެނޭހެން ގިނަ އަދަދެއްގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެ މުއާމަލާތް އަދި އަމަލީ ގޮތުން ކުރިއަށް ނުދާ ކަމަށާއި، ނަމަވެސް އެކަމާ ގުޅޭ މަޝްވަރާތަކެއް ކޮންމެވެސް ސިފައެއްގައި ހިނގަމުންދާ ކަމަށް ޕެންޝަން އޮފީހުގެ އޮފިޝަލް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޕެންޝަން އޮފީހުގެ އެހެން ބައެއް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް އިސްތިއުފާ ދެއްވި ކަމަށް ސޯޝަލް މީޑިއާގަޔާއި ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވީ ނަމަވެސް، ފިކުރީ ފިޔަވައި އިތުރު ބޭފުޅަކު އިސްތިއުފާ ދެއްވިކަން އެ އޮފީހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.


ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close