ޖަމާއަތުގައި ނަމާދުކުރާ އިމާމުން، ޚާއްސަކޮށް ބޮޑެތި ޖަމާއަތްތަކުގައި ނަމާދުކުރާއިރު ކިޔެވުން ކުރުކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިލްތިމާސްކުރައްވައިފިއެވެ.
ޒުވާން ހަތީބުންގެ މަހާސިންތާ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކިތަންމެ ރީތިކޮށް ގުރުއާން ކިޔަވާ މީހަކު ކަމުގައިވިޔަސް، ޖަމާއަތުގެ ބޮޑުމިނަށް ބަލައިގެން ނަމާދުގައި ކުރާ ކިޔެވުން ކުރުކުރުމަކީ ސުންނަތް ގޮތް ކަމަށެވެ. އަދި ވިއްސާރަވުމާއި ހޫނު ގަދަވުން ފަދަ ހާލަތްތަކުގައި މީސްތަކުންގެ މަސްލަހަތަށް ވިސްނަންޖެހޭނެކަން ފާހަގަކުރައްވަމުން، ޖަމާއަތުގައި ބަލި މީހުންނާއި ދަތުރުވެރިން އަދި އެކިއެކި އުޒުރުތަކުގެ މީހުން ތިބޭކަން ހަނދާންކޮށްދެއްވިއެވެ.
ނަމާދުގެ ފަރުއީ އެކި މައްސަލަތަކުގައި ހިލާފުތައް ހުރިނަމަވެސް، އެފަދަ ކަންކަމުގައި ޖަދަލުކުރުމުގެ ބަދަލުގައި އެ ރަށެއްގެ އަހުލުވެރިން ގަބޫކުރާ އުސޫލުތަކަށް އިސްކަންދޭންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...