އަނެއްކާވެސް ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދައްކާ ފޭރިގެންފި
އަނެއްކާވެސް ޓެކްސީ ޑްރައިވަރަކަށް ވަޅިން ބިރުދައްކާ ޑްރައިވަރުގެ ފޯނު ފޭރިގެންފިއެވެ.
މިއީ މިހަފްތާ ތެރޭގައި ވަޅިންބިރުދައްކައިގެން ޑްރައިވަރުން އަތުން ފޭރުނު ދެވަނަ ފަހަރެވެ. މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ ޑްރައިވަރަކަށް ވަޅިން ބިރުދައްކާ ފައިސާ ތަކެއް ފޭރިގެންފައެވެ.
ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް ޓެކްސީއެއްގައި އައި 2 މީހަކު ޣިޔާސުއްދީން ސްކޫލު ކައިރިން ޓެކްސީ ޑްރައިވަރަށް ވަޅިން ބިރު ދައްކާ ޑްރައިވަރުގެ ފޯނު ފޭރުނު މައްސަލަ އެއް ރޭ 01:10 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
އެމައްސަލާގައި ފޭރުނު ފޯނު ވަނީ ފެނިފައި ކަމަށާ އަދި ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިމަހު 23 ވަނަ ދުވަހު ފޭރިފައިވަނީ މާލެ މަޖީދީމަގުން ހުޅުމާލެއަށް ދިއުމަށް ޓެކްސީއަކަށް އެރި ދެ މީހެކެވެ. އެ މީހުން ޓެކްސީ ޑްރައިވަރަށް ވަޅިން ބިރުދައްކާ ފައިސާ ފޭރި ފައިވާ މައްސަލައެއް ފުލުހުންނަށްވަނީ ހުށަހަޅާފައެވެ.
ޓެކްސީ ޑްރައިވަރު އަތުން 700 ރުފިޔާ ފޭރުމަށް ފަހު އެމީހުން ޓެކްސީ އިން ފައިބައިގެން ވަނީ ފިލާފައެވެ. އެމައްސަލަ އާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ވައްކަމާއި ފޭރުން ދަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ.

