ބަންގްލަދޭޝްގެ ކުމިއްލާ ސަރަހައްދުގައި ހުންނަ ޕުބާލީ ބޭންކުގެ ބްރާންޗެއްގެ ތެރޭގައި، ކަސްޓަމަރަކު އޭނާގެ އާއިލާއާއެކު ފައިސާ ގުނަން އިންދާ މީހަކު ސިއްރުން އައިސް އޭގެ ތެރެއިން 400،000 (ހަތަރު ލައްކަ) ޓަކާ ޖަހައިގަނެގެން ފިލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ކުމިއްލާގެ ދޭބީދްވާރު ސަރަހައްދުގައި ހުންނަ އެ ބޭންކުގެ ގޮފީގައި އާދީއްތަ ދުވަހުގެ ހަވީރު ގާތްގަނޑަކަށް 4:25 ހާއިރުއެވެ.
އަނިޔާ ލިބުނު ފަރާތަކީ ދޭބީދްވާރުގެ ޗޮޓް އަލަމްޕޫރު އަވަށަށް ނިސްބަތްވާ ކަރަންޓު މަސައްކަތްތެރިއެއް ކަމަށްވާ މުހައްމަދު ޒާކިރު ޙުސައިނެވެ. މި މައްސަލައާ ގުޅިގެން އޭނާ ވަނީ އާދީއްތަ ދުވަހުގެ ރޭ ދޭބީދްވާރު ޕޮލިސް ސްޓޭޝަނަށް ރަސްމީކޮށް ލިޔުމުން ޝަކުވާ ހުށަހަޅާފައެވެ.
ފުލުހުންނަށް ދިން މައުލޫމާތުގައިވާ ގޮތުން، ޒާކިރު ޙުސައިން އާއިލީ ބޭނުމަކަށް ބޭންކުން 7 ލައްކަ ޓަކާ ނެގި ނަމަވެސް، ބޭންކުން އޭނާއަށް ފައިސާ ހަވާލުކުރީ ކުދި އަދަދުގެ ނޫޓުތަކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ 1،000 ޓަކާގެ 5 ބޮނޑިއާއި، 500 ޓަކާގެ 2 ބޮނޑި އަދި 100 ޓަކާގެ 10 ބޮނޑިއެވެ.
ފައިސާ ހިފައިގެން ޒާކިރު އޭނާގެ އަނބިމީހާ އައިޝާ އަޚްތަރާއި ދަނބިދަރިފުޅު ޕޮލީ އަޚްތަރާއެކު ބޭންކު ތެރޭގައި ހުރި ސޯފާއެއްގައި އިށީނދެ އެ ފައިސާތައް ގުނަން ފެށިއެވެ. އެގޮތުން 1،000 ޓަކާގެ ހަތަރު ބޮނޑި ގުނައި ނިންމުމަށްފަހު، އެ ހަތަރު ލައްކަ ޓަކާ ސޯފާ މަތީގައި އެމީހުންގެ ފަހަތުގައި ބާއްވައި، ސަމާލުކަން ދިނީ ބާކީ ހުރި ކުދި ނޫޓުތައް އަވަހަށް ގުނައި ނިންމުމަށެވެ.
އެމީހުން ފައިސާ ގުނުމުގެ ތެރެއަށް މާބޮޑަށް ގެއްލިފައި ތިބި ދަނޑިވަޅު ބަލައި، ކައިރީގައި އިން މީހަކު ވަނީ ފަހަތުގައި އޮތް 1،000 ޓަކާގެ ހަތަރު ބޮނޑި ވަގަށް ނަގައިގެން އަވަސް އަވަހަށް ބޭންކުން ނުކުމެގެން ގޮސްފައެވެ. އާއިލާއަށް ފައިސާ މަދުވިކަން ރޭކާލީ ހުރިހާ ނޫޓުތަކެއް ގުނައި ނިންމައި އެއްކުރަން އުޅުމުގެ ތެރޭގައެވެ. އަދި ފައިސާ ގެންދިޔައީ ވަގެއްކަން އެނގުނީ ބޭންކުގެ ސީސީޓީވީ ކެމެރާތަކުގެ ރެކޯޑިން ބެލުމުންނެވެ.
މި ހާދިސާ ހިނގި ގޮތް ވަރަށް ސާފުކޮށް ފެންނަ ސީސީޓީވީ ވީޑިއޯ މިހާރު ވަނީ މީސްމީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ.
ޕުބާލީ ބޭންކުގެ އެ ބްރާންޗުގެ މެނޭޖަރު މުހައްމަދު ވާޢިސް މަޢުސޫމް ޗައުދަރީ ވިދާޅުވީ، ކަސްޓަމަރު ފައިސާ ގުނުމަށްފަހު އޭނާގެ ފަހަތުގައި ބެހެއްޓުމުންނާއި، ވަށައިގެންވާ މާހައުލަށް ސަމާލުކަން ނުދެވުމުގެ ސަބަބުން ވަގަށް އެ ފުރުސަތު ފަހިވެގެން ދިޔައީ ކަމަށެވެ.
ދޭބީދްވާރު ޕޮލިސް ސްޓޭޝަނުގެ އޮފިސަރ-އިން-ޗާޖް މުހައްމަދު މުނީރުއްޒަމާން ވިދާޅުވީ، ހުށަހެޅި ޝަކުވާއާއެކު ސީސީޓީވީ ފުޓޭޖު ލިބިފައިވާ ކަމަށާއި، މި މައްސަލަ ވަރަށް ސީރިއަސްކޮށް ތަހުގީގުކޮށް ކުށްވެރިޔާ އަތުލައިގަތުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...