ބޭރުދުނިޔެ

ޣައްޒާ ގައިހުރި އދ. ގެ ސްކޫލަކަށް ހަމަލާދީ 9 މީހުން ޝަހީދުކޮށްލައިފި

ޣައްޒާ ސިޓީގެ ހުޅަނގު ފަރާތުގައި ހުރި އދ. ގެ ސްކޫލަކަށް އިޒްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އިތުރު 9 މީހުން ޝަހީދުވެއްޖެ ކަމަށް މެޑިކަލް މަސްދަރަކުން އާދީއްތަ ދުވަހު ބުނެފިއެވެ.

ޝާޠީ ރެފިއުޖީ ކޭމްޕުގައި ހުރި، ފަލަސްޠީނު ރެފިއުފިއުޖީންގެ އދ. ގެ އޭޖެންސީ (އަންރުވާ) އިން ހިންގާ އަސްމާ ސްކޫލަށް އަމާޒުކޮށް ދިން މި ހަމަލާގައި އިތުރު 20 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ މަސްދަރު ބުނެފައިވެއެވެ.
މިއީ މި ސްކޫލަށް ފާއިތުވި މަދު ދުވަސްކޮޅެއްގެ ތެރޭގައި އަމާޒުކޮށްފައިވާ ދެވަނަ ހަމަލާއެވެ. އޮކްޓޯބަރު 19 ވަނަ ދުވަހު ވެސް މި ސްކޫލަށް އިސްރާއީލުން ވައިގެމަގުން ހަމަލާދިނުމުން މަދުވެގެން 10 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެފައިވެއެވެ.

ޣައްޒާ ސިޓީގައި އިސްރާއީލުން ކުރިއަށްގެންދާ ހަމަލާތަކުގައި ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، އަޅުކަންކުރާ ތަންތަނުގެ ތެރެއިން ގިނަ ތަންތަނަށް ސިސްޓަމެޓިކްކޮށް ހަމަލާތައް އަމާޒުކޮށްފައިވެއެވެ. ހަނގުރާމައިގެ ޤަވާއިދުތަކުގެ ދަށުން މިފަދަ ސިވިލިއަން ތަންތަނަށް އަމާޒުކުރުމަކީ ހަނގުރާމައިގެ ކުށެއް ކަމުގައި ބެލެވިދާނެއެވެ.

ޔޫއެން ސެކިއުރިޓީ ކައުންސިލުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް، އިޒްރާއީލުން ޣައްޒާއަށް ދެމުންގެންދާ ނުރައްކާތެރި ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ.

ލޯކަލް ހެެލްތު އޮތޯރިޓީތަކުން ބުނާ ގޮތުގައި މިހާތަނަށް 43،000 އަށްވުރެ ގިނަ މީހުން ފަލަސްތީނުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 100،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.

އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން ޣައްޒާގެ މުޅި އާބާދީގެ ގާތްގަނޑަކަށް ހުރިހާ އެންމެން ވަނީ ގެދޮރުދޫކޮށް ދާންޖެހިފައެވެ. އަދި ކާނާއާއި، ސާފު ފެނާއި، ބޭސްފަރުވާއަށް ބޭނުންވާ ތަކެތި ލިބުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެފައިވެއެވެ.

އިޒްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި އެ ޤައުމުގެ މައްޗަށް ނަސްލު ފޮހެލުމުގެ މައްސަލައެއްވެސް ހުށަހެޅިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close