ބޭރުދުނިޔެ

އެބޯލާ ފެތުރޭތީ ކޮންގޯއާއި ޔޫގެންޑާއަށް ދަތުރުނުކުރަން ރާއްޖޭގެ އެޗްޕީއޭއިން އަންގައިފި

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން، ބަލި ފެތުރޭ ސަރަހައްދުތަކަށް ދަތުރުނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރާއްޖޭގެ ރައްޔިތުންނަށް އިލްތިމާސްކޮށްފިއެވެ. ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުތަކަށް ދަތުރުނުކުރުމަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިހާރު އެ ސަރަހައްދުތަކުގައި ފެތުރެމުންދަނީ އެބޯލާގެ ބާވަތްތަކުގެ ތެރެއިން ‘ބަންޑިބުގްޔޯ’ ވައިރަސް ކަމަށްވާއިރު، މިއީ މިހާތަނަށް ވެކްސިނެއް ހޯދިފައިނުވާ ބާވަތެކެވެ. މީގެ ކުރިން ފެތުރުނު އެބޯލާގެ ‘ޒައިރޭ’ ބާވަތަށް ޚާއްސަ ވެކްސިންތަކެއް އުފައްދާފައިވީ ނަމަވެސް، މިހާރު ފެތުރޭ ބާވަތަށް ފަރުވާއެއް ނެތުމުން، ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ސިއްހީ އިރުޝާދުތަކަށް ބޯލެނބުމާއި ބަލިޖެހިފައިވާ މީހުންނާ ގާތްނުވުން ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ.

އދ. ގެ ސިއްހީ އިދާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ކޮންގޯގެ އިޓޫރީ ޕްރޮވިންސްގެ ތިން ސަރަހައްދަކުން މި ބަލި ޖެހިގެން 80 މީހުން މަރުވި ކަމަށް ބެލެވެއެވެ. އަދި ލެބޯޓްރީ ތަހުލީލުތަކުން ބަލި ޖެހިފައިވާކަން ކަށަވަރުވެފައިވާ އަށް މީހަކު ފެނިފައިވާއިރު، ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 246 މީހަކު ވަނީ ރިޕޯޓްކޮށްފައެވެ. މި ހާލަތާ ގުޅިގެން ޑަބްލިއުއެޗްއޯ އިން ވަނީ ކޮންގޯއާ ބޯޑަރު ހިއްސާކުރާ ގައުމުތަކަށް މި ބަލި ފެތުރުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވެފައިވާ ކަމުގެ އިންޒާރުވެސް ދީފައެވެ.

މި ބަލީގެ އިންކިއުބޭޝަން ޕީރިއަޑް ނުވަތަ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު އަލާމާތްތައް ފެނުމަށް ހޭދަވަނީ ދެ ދުވަހާއި 21 ދުވަހާ ދެމެދުގެ މުއްދަތެކެވެ. ބަލީގެ ކުރީކޮޅު ފެންނަ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ވަރުބަލިވުން ހިމެނޭއިރު، ބަލި ބޮޑުވަމުންދާ ވަރަކަށް ހޮޑުލުމާއި، ބޭރަށް ހިންގުމުގެ އިތުރުން ހަށިގަނޑުގެ ގުނަވަންތަކުގެ މަސައްކަތް ހުއްޓި، އެތެރެއަށާއި ބޭރަށް ލޭ ފޭބުން ފަދަ ނުރައްކާތެރި މައްސަލަތައް ކުރިމަތިވެއެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ސިއްހީ އިދާރާތަކުން ދަނީ ބައިނަލްއަގުވާމީ މި ހާލަތު ވަރަށް ގާތުން މޮނީޓާ ކުރަމުންނެވެ. އަދި މި ބަލިމަޑުކަމާ ގުޅޭގޮތުން ލިބޭ އެންމެ ފަހުގެ މައުލޫމާތުތައް ލަސްނުކޮށް އާންމުންނާ ހިއްސާކުރަމުންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close