ޚަބަރު

ދާދިއަވަހަށް މަސައްކަތުގައި ބައިވެރިވެ ރައްޔިތުން އެދޭގޮތަށް ކުރިއަށްދާނަން – ރައީސްނަޝީދު

ދާދިއަވަހަށް ރައްޔިތުންގެ މަޖލީހުގެ މަސައްކަތުގައި ބައިވެރިވެޑައިގަންނަވާކަމަށާއި، ރައްޔިތުން އެދޭގޮތަށް ކުރިއަށް ވަޑައިގަންނަވާނެކަމުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފެށުނު ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާއަށްފޮނުއްވި މެސެޖެއްގައެވެ.

އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވީ މި ދައުރުގެ ޖަލްސާތައް މި ފެށުނީ އެމަނިކުފާނުގެ ފުރަނާފުޅު ދުއްވާލަން ނުރައްކާތެރި ހަމަލާއެއް ދެވިފައިވަނިކޮށްކަމަށެވެ. އަދި މި ދަނޑިވަޅުގައި މަޖިލީހުގެ މެމްބަރުން ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވާކަމަށް މެސެޖްގްއި ވިދާޅުވިއެވެ.

” މި ނުރައްކާތެރި ބިރުވެރި ހާލަތުގައިވެސް ރައްޔިތުން މަޖލީހުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އެއްވެސް ފަސްޖެހުމެއްނެތި ހިވާގި ކަމާއިއެކު ތިޔަ ހުރިހާ އިއްޒަތެރި މެމްބަރުން މަސައްކަތް ކުރައްވާނެކަމާއި މެދު އަޅުގަނޑު ޝައްކެއް ނުކުރަން. ޤައުމުގެ މަސްލަހަތު އިސްކުރައްވާ ރައްޔިތުންގެ ރައްކާތެރިކަމަށާއި ލާބަޔަށާއި މަންފާ މަސައްކަތް ކޮށްދެއްވާނެކަން އަޅުގަނޑު ޔަގީންކުރަން.” ރައީސް ނަޝީދުގެ މެސެޖްގައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މަސައްކަތުގައި އިސާހިތަކު ބައިވެރިވާނެކަމަށެވެ. އަދި ރައްޔިތުންނާއި ދާދި އަވަހަށް ބައްދަލުކުރައްވާނެކަމަށާއި ރައްޔިތުން އެދޭގޮތަށް މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެކަމަށެވެ.

ރައީސް ނަޝީދަށްހަމަލާދިން މައްސަލާގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.މި އެންމެންގެ ބަންދުގެ މުއްދަތަށް ކޯޓުން 15 ދުވަސް ވަނީ ޖަހައިދީފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭ ގައި ރައީސް ނަޝީދަށް ފާރަލާ މި ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާއާއި ބޮން ހަރުކޮށްފައި ހުރި ސައިކަލްގެ ވެރިފަރާތްވެސް ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close