ކުރިއަށް އޮތް މަދު އަހަރުތަކުގެ ތެރޭގައި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް އަހަރަކު ގާތްގަނޑަކަށް 6 އިންސައްތަ ދަށްނުކުރެވިއްޖެނަމަ، ދުނިޔޭގެ ހޫނުމިން ނުރައްކާތެރި މިންވަރަކަށް އުފުލި ބޮޑު މޫސުމީ ކާރިސާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ އިންޒާރު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ދެއްވައިފިއެވެ.
ތުރުކީގެ އަންތާލިއާގައި މިހާރު ކުރިއަށްދާ އދ. ގެ މޫސުމީ މަހާސިންތާ (ކޮޕް31) ގެ ހަވާސާގައި ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގުޓަރޭޒް ވިދާޅުވީ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްއަށްވުރެ މައްޗަށް ވަގުތީގޮތުން ނަމަވެސް އުފުލުމަކީ މިހާރު ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން، މިހާރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ ހޫނުމިން މަތިވާ މިންވަރާއި އެކަން ދެމިގެންދާ މުއްދަތު ވީހާވެސް ކުޑަކޮށް، ވީއެންމެ އަވަހަކަށް ފިނިހޫނުމިން އަލުން 1.5 ޑިގްރީއަށްވުރެ ތިރިއަށް ގެނައުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤައުމުތަކުން މިހާރު ވެފައިވާ ވަޢުދުތަކަށް ބަލާއިރު، މި ޤަރުނު ނިމޭއިރު ދުނިޔޭގެ ހޫނުމިން 2.5 ޑިގްރީ ސެލްސިއަސްއަށް އުފުލުމުގެ މަގުމަތީގައި އޮތްކަން ހާމަކުރައްވަމުން ގުޓަރޭޒް ވިދާޅުވީ، އެއީ ބޮޑު ކާރިސާއަކަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
މޫސުމީ ކާރިސާ ކުރިމަތިވަނީ ފޮސިލް ފިއުލް ނުވަތަ ތެލާއި ގޭހުގެ ބާވަތްތަކުގެ ސަބަބުންކަން ފާހަގަކުރައްވައި، އެ ބާވަތްތައް އުފެއްދުމާއި ބޭނުންކުރުން މަދުކޮށް އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަކީ ރައްކާތެރި މޫސުމެއް ކަށަވަރުކުރުމަށް އޮތް ހަމައެކަނި އިތުބާރު ހުރި މަގު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބަދަލު އަވަސް އަދި އިންސާފުވެރި ގޮތެއްގައި ގެނައުމަށްޓަކައި، ތަރައްޤީވެފައިވާ ޤައުމުތަކުން މޫސުމީ މާލީ އެހީތެރިކަމުގެ ވަޢުދުތައް ފުއްދައި، ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުންވެސް ސާފު ހަކަތައަށް ބަދަލުވުން އަވަސްކުރުމަށް ގުޓަރޭޒް ގޮވާލެއްވިއެވެ.
މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެ ބަދަލުތަކަށް ހޭނުމަށާއި ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އިތުރު މާލީ އަދި ފަންނީ އެހީތެރިކަން ބޭނުންވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނޮވެންބަރު 9 އިން 20 އަށް ތުރުކީގެ އަންތާލިއާގައި ކުރިއަށްދާ ކޮޕް31 މަހާސިންތާގައި ދުނިޔޭގެ އެކި ޤައުމުތަކުގެ ވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގަންނަވާއިރު، މިއީ އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ގުޓަރޭޒް ބައިވެރިވެވަޑައިގަންނަވާ އެންމެ ފަހު މޫސުމީ މަހާސިންތާވެސް މެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...