މޫސުމީ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކުރަން ނުޖެހޭނެ މާހައުލެއް ޤާއިމުކުރުމަކީ މި ސަރުކާރުން އެންމެ އިސްކަންދޭ ސިޔާސަތު ކަމަށެް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގެ ހަވާސާގައި ކަނޑުގެ ލޮނުގަނޑު އުފުލުމުން ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ބޭއްވި މަޝްވަރާބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ކަނޑުގެ ލޮނުގަނޑު އުސްވުމަކީ މުސްތަޤުބަލުގައި ކުރިމަތިވާނެ ކަމެއް ނޫން ކަމަށާއި، އެއީ މިހާރުވެސް ރާއްޖޭގެ ޤައުމީ ސަލާމަތާއި ތަރައްޤީއަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ. ރާއްޖޭގެ ބިމަކީ ދިވެހިންގެ ތާރީޚާއި އަސްލާ ގުޅިފައިވާ ތަންތަންކަން ހާމަކުރައްވަމުން، ބިމުން ކިތަންމެ ކުޑަ މިންވަރެއް ގެއްލުމަކީވެސް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ލިބޭނެ ފޫނުބެއްދޭވަރުގެ އުނިކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރަށްތަކުގެ ދިފާޢީ އައްޑަނައަކީ ފަރުތަކާއި، ގޮނޑުދޮށްތައް އަދި ކުޅިތައް ފަދަ ޤުދުރަތީ ވަސީލަތްތައްކަން ފާހަގަކުރައްވައި، އެ ތަންތަން ހިމާޔަތްކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ވިލުންތެރި މުސްތަޤުބަލަކަށްޓަކައި ކަނޑުގެ ލޮނުގަނޑަށްވުރެ އުސްކޮށް، އިއާދަކުރަނިވި ހަކަތައަށް ބަރޯސާވާގޮތަށް 'ރަސްމާލެ' ފަދަ ޒަމާނީ، ތިމާވެއްޓާ ރައްޓެހި ސަހަރުތައް ބިނާކުރުމުގެ މަޝްރޫޢުތައް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޫސުމީ ރައްކާތެރިކަމަކީ ހަމައެކަނި ކާރިސާއެއް ދިމާވުމުން އަޅާ ފިޔަވަޅަކަށް ނުހަދައި، ޤައުމީ ތަރައްޤީގެ މައިގަނޑު ޕްލޭންގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއިން މިކަމަށްޓަކައި އަޅަމުންދާ ހަރުދަނާ ފިޔަވަޅުތައް ފުރިހަމަކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ފެންވަރުގެ ސައިންޓިފިކް މަޢުލޫމާތާއި މާލީ އެހީތެރިކަން ދުނިޔޭގެ މުޖުތަމަޢުން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...