ޤައުމެއްގެ ތަރައްގީއާއި ކުރިއެރުމުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ފުރިހަމައަށް އިހުސާސްކުރެވޭނީ، އުމްރާނީ ތަރައްގީއާއެކު އެ ޤައުމެއްގެ ފަރުދުންގެ ސިކުނޑިތައް ވެސް އެންމެ ހެޔޮގޮތުގައި ބިނާކުރެވިގެން ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ދޮންބަންޑާރައިން ހޮޅީންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވީ ވެރިކަމުގެ ޝަރަފާއި މަންފާއަށް ނޫން ކަމަށެވެ. އަދި ދިވެހި ތަހުތު އެމަނިކުފާނަށް ވެދުންކުރެވުނު ހިނދުވެސް އަމިއްލަ އެދުމަށްވުރެ ޤައުމީ މަސްލަހަތު އިސްކުރައްވައި ދެއްކެވީ އިޚްލާސްތެރިކަމާއި ވަފާތެރިކަމުގެ ނަމޫނާއެއް ކަމަށާއި، އެއީ ކޮންމެ ދިވެއްސަކުވެސް ނަމޫނާއަކަށް ބަލަންޖެހޭ އަގުހުރި ސިފަތަކެއް ކަމަށް ހީނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްގީގެ ފަލްސަފާއަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ މައިގަނޑު ސިޔާސަތު ބިނާވެފައިވަނީ އުމްރާނީ ތަރައްގީގެ އިތުރުން އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ މައްޗަށް ކަމަށެވެ. އެގޮތުން ޤައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫއު މިހާރު ފެށިގެން ކުރިއަށްދާއިރު، އިހުތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު އަންނަ ހޮނިހިރު ދުވަހުގެރޭ ރަސްމީކޮށް އިފްތިތާހުކުރަން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން އެކުލަވާލާފައިވާ 'ވިޝަން 2040' ގެ އަމާޒަށް ވާސިލުވެވޭނީ އުމްރާނީ ބޮޑެތި މަޝްރޫއުތަކާއެކު، ހަރުދަނާ އަދި ޤައުމުދެކެ ލޯބިވާ ޖީލެއް ބިނާކުރެވިގެން ކަމަށްވެސް ހީނާ ފާހަގަކުރެއްވިއެވެ.
ވަޒީރު ހީނާގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހިންގެ މެދުގައި ގެއްލެމުންދާ ރިވެތި އާދަކާދަތަކާއި ޤައުމިއްޔަތުގެ ރޫހު އަލުން ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ދުރުވިސްނުންފުޅަށާއި އިސްނެންގެވުމަށް އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...