ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު މާލެއަށް އައިސްފިއެވެ. ޕީއެންސީން މިހާތަނަށް ބާއްވާ އެންމެ ބޮޑު ޖަލްސާ ކަމަށް ބެލެވޭ މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވާނެއެވެ.
މި ޖަލްސާއަށް މީހުން އައުމުގެ ހަރަކާތް މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، މިއަދު އެކަނިވެސް ގިނަ އަދަދެއްގެ މީހުން ވަނީ އެކި ރަށްރަށުން މާލެއަށް އައިސްފައެވެ. އެނގިފައިވާ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށަކުން އެންމެ ގިނަ ބަޔަކު ޖަލްސާއަށް އައީ ފ. ނިލަންދޫންނެވެ. ކަނޑު ބޯޓެއްގައި 200 އާ ގާތް ކުރާ މީހުން މިއަދު ނިލަންދޫން މާލެ އައިސްފައިވެއެވެ. ނިލަންދޫގެ އިތުރުން ފ. ބިލެތްދޫ އާއި ފ. ފީއަލި އާއި ބ. އޭދަފުށި، ތ. ވިލުފުށި، ށ. ކޮމަންޑޫ ފަދަ ރަށްރަށުން ވެސް ގިނަ ބަޔަކު މިއަދު ވަނީ ޖަލްސާގައި ބައިވެރިވުމަށް މާލެއަށް އައިސްފައެވެ.
އާބާދީ ބޮޑު ސިޓީތަކުން ވެސް ގިނަ ބަޔަކު ވަނީ މި ޖަލްސާއަށް ހާޒިރުވެފައެވެ. އައްޑޫ ސިޓީގެ ހުޅުދޫ އާއި މީދޫން ޖުމްލަ 256 މީހުން މިއަދު މާލެ އައިސްފައިވާއިރު، ގއ. ތިނަދޫން 46 މީހުން ވަނީ ޖަލްސާގައި ބައިވެރިވުމަށް މާލެއަށް ދަތުރުކޮށްފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީ، ހއ. ހޯރަފުށި، ހއ. ފިއްލަދޫ ފަދަ ރަށްރަށުން ވެސް މީހުން ވަނީ މާލެއަށް އައިސްފައެވެ.
މި ޖަލްސާއަށް ދައުވަތު ދިނުމުގެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި ޕީއެންސީގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައްޔިތުން ޖަލްސާއަށް ދާނީ ގައުމުގެ މިސްރާބު ރަނގަޅަށް ދާ ކަމަށް ގަބޫލުކުރާތީ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...