
ރާއްޖޭގެ ތާރީޙްގައި މިހާތަނަށް ފާހަގަކުރެވުނު އެންމެ ބޮޑު ޙިޔާނަތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއިކޮށް މިނިވަން ކުރުމުން އަދާލަތު ޕާޓީން ވެސް ނުސީދާކޮށް ސަރުކާރަށް ފާޑުކިޔައިފިއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ، 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު މިނިވަން ކުރުމުން އާންމުންގެ ގިނަ ބަޔަކާއި ސިޔާސީ ބައެއް ފަރާތްތަކުން ސަރުކާރަށް ފާޑުކިޔަމުން ދަނިކޮށް އަދާލަތު ޕާޓީން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ ދައުލަތުގެ މުދަލަށް ބޮޑެތި ހިޔާނާތް ވީކަމަށް އަމިއްލައަށް އިއުތިރާފުވެ އެކަމުގެ ކުށް ސާބިތުވެފައިވާ ފަރާތްތަކަށް ހައްޤު އަދަބު ނުލިބި ދިއުމަކީ އެ ޕާޓީން ބަލައިގަންނެވޭ ވަރުކަމެއް ނޫންކަމުގައެވެ.
އަދާލަތު ޕާރޓީގެ ފަރާތުން މިރޭ ކުރި އެކްސް ޕޯސްޓުގައި ވަކި މީހެއްގެ ނަން ފާހަގަ ނުކުރި ނަމަވެސް، ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ރައީސް ސޯލިހު އިއްޔެ ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ކުށް ސާބިތުވެ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބުއާއި ހަމަ އެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އަދަބު ލުއި ކޮށްދެއްވައިފަ އެވެ. އަދި އަދަބު ލުއި ކޮށްދެއްވުމާއެކު އެ ދެބޭފުޅުން ވެސް ވަނީ މިނިވަން ވެވަޑައިގެންފަ އެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޙިޔާނާތުގެ މި ބޮޑު މައްސަލައަކީ ރައީސް އިބުރާޙިމް މުހައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަންނަވަމުން އެންމެ ބާރަށް ދެއްކެވި ވާހަކަފުޅަށް ވެފައި އެމަނިކުފާނުގެ ވެރިކަން ނިމެން 3 ދުވަހަށް ވެފައިވަނިކޮށް މި ހިޔާނާތުގެ އެންމެ އިސް ދެބޭފުޅުންނަށް މާފު ދެއްވާ މިނިވަން ކުރުމުން ގިނަބަޔަކު އަންނަނީ ރައީސް ޞާލިޙަށް ފާޑުކިޔަމުންނެވެ.

