ޚަބަރު

ވެއްޓުނު ޔުމްނާއަށް އެހީ ނުދިނުމުގެ ދައުވާއަށް ރައުދު އެއްބަސްވެ، ހުކުމް އަންނަ ހަފުތާގައި

މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި، އެހީއަށް ބޭނުންވެފައިވާ މީހަކަށް އެކަށީގެންވާ ސަބަބެއް ނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާއަށް، އޭނާއާ އެކު އުޅުނު ގ. އެރިއަދޫ، ރައުދު އަހުމަދު ޒިލާލް އެއްބަސްވެއްޖެ އެވެ. ދައުލަތާ އެކު އެއްބަސްވުމަކަށް އައިސް، އިއުތިރާފްވުމާ ގުޅިގެން، ކްރިމިނަލް ކޯޓުން މިހާރު ވަނީ އެ މައްސަލާގައި އަވަސް ނިޔާގެ ދަށުން އަންނަ ހަފުތާގައި ހުކުމް އިއްވަން ނިންމައިފަ އެވެ.

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. ފެންޓެނޯއީގެ އިން ވެއްޓި ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު ހާދިސާގައި، ރައުދުގެ މައްޗަށް ދައުވާ ކުރީ ޔުމްނު ވެއްޓުނުކަން އެނގިހުރެ، އޭނާއަށް އެހީތެރިކަން ދީފައި ނުވާތީ އާއި ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާތީ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ކްރިމިނަލް ކޯޓުގައި މިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ރައުދު ވަނީ ދައުވާއަށް އެއްބަސްވެ، ދައުލަތާ އެކު އިއުތިރާފްގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި ކުށުގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުން ކަމަށްވާއިރު، ކުށަށް އިއުތިރާފްވުމުގެ ސަބަބުން އަދަބު އިތުރަށް ލުއިވެގެންދާނެ އެވެ. އަދި ތަހުގީގަށްޓަކައި ރައުދު މަހެއްހާ ދުވަހު ބަންދުގައި ހުރުމާއެކު، އޭނާ ދެން ތަންފީޒު ކުރަން ޖެހޭނީ ވަރަށް ކުޑަ މުއްދަތެކެވެ.

ވެއްޓުނު ރޭގެ ތުހުމަތުތައް

ރައުދު ހައްޔަރުކުރީ ހާދިސާ ހިނގިތާ ހަ ދުވަސް ފަހުން އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގަ އެވެ. އެ ހާދިސާގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވުމުގެ އިތުރުން، ހާދިސާ ހިނގި ވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރުމާއި، ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރެވުނެވެ.

ޔުމްނު ވެއްޓުމުގެ ކުރިން އެންމެ ފަހުން އޭނާއާ އެކު އުޅުނު މީހަކީ ރައުދު އެވެ. ފުލުހުން ބެލިގޮތުގައި ޔުމްނު އާއި ރައުދު ފެންޓެނޯއީގެ އަށް ދިއުމުގެ ކުރިން މއ. މާންދޫގެ ދެކުނުގެ އަށް ދިޔުމަށް ފަހު، ހ. ކަށިވެއްޔަށް ވެސް ވަދެފައިވެ އެވެ.

ފަރުވާ އާއި މުޒާހަރާތައް

އެ ހާދިސާގައި ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބި ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ގެންދިޔަ އެވެ. ޔުމްނުއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

މީގެ އިތުރުން، އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ތަހުގީގުގައި އިހުމާލެއް އޮތްތޯ ބެލުމަށް ރިޔާސީ ކޮމިޝަނެއް ވެސް އެކުލަވާލި އެވެ. ރިޔާސީ ކޮމިޝަނުން ނިންމީ ޔުމްނު ގަސްދުގައި ވައްޓާލި ކަމަށް ބެލެވޭނެ ހެއްކެއް ނެތް ނަމަވެސް، ފުލުހުންގެ ތަހުގީގުގައި އިހުމާލުތަކެއް ހުރިކަން ފާހަގަވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close