‘ދާރުލްއަރުގަމް’ ވަގުފު އިމާރާތުގެ ބިންގާ އަޅައިފި

އިސްލާމިކް މިނިސްޓްރީން މާލޭގައި އަޅާ ވަގުފް އިމާރާތް، “ދާރުލްއަރުގަމް” ގެ ބިންގާ މިއަދު މެންދުރު ފަހު އަޅައިފިއެވެ.
މާލޭގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތަކާއި އެކު އައިލެންޑާސް ޕްރީ ސްކޫލާ ޖެހިގެން ބުރުޒުމަގަށް ވާ ގޮތަށް ހުންނަ ބިމުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ބިންގާ އެޅުއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، މަސައްކަތް ހަވާލުކުރެވިފައިވާ އާރްސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާދަމް ރަހީމެވެ.
މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ރާއްޖޭގައި ވަގުފް ފަންޑް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. ދޮޅު އަހަރުން ނިންމަންޖެހޭ 12 ފްލޯގެ މި އިމާރާތް 39.4 މިލިއަން ރުފިޔާއަށް އާރްސީސީއާ ހަވާލުކޮށްފައިވާއިރު، ބީއެމްއެލްގެ އިސްލާމިކް ފައިނޭންސިންގެ ދަށުން ފަންޑުކުރާ މި އިމާރާތުން އަހަރަކު 10 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މާލެ، ހުޅުމާލެ އަދި އަތޮޅުތެރޭގެ އައްޑޫ، ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި، އަދި ވިލިނގިލީގައި ވެސް ވަގުފްގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.


