އޮޅުވާލައިގެން ފައިސާ ހޯދިކަމުގެ ތުހުމަތުގައި ޑެޕިއުޓީ މިނިސްޓަރަކު މަގާމުން ވަކިކޮށްފި

އާންމުންނަށް ފްލެޓާއި ގޯތި ހަމަޖައްސައިދޭނެ ކަމަށް ބުނެ، މަކަރާއި ހީލަތުން ބޮޑެތި އަދަދުތަކުން ފައިސާ އަތުލާފައިވާ ކަމުގެ ތުހުމަތުގައި ފިޝަރީސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔާސީން ސަރުކާރުގެ މަގާމުންވަކިކުރައްވައިފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ އޭނާގެ މައްޗަށް ކުރެވޭ ޖިނާއީ ބޮޑު ތުހުމަތަކާ ގުޅިގެންނެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް ވިދާޅުވީ، އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއް ފެންމަތިވުމާއެކު ޔާސީން މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުގެ ފަރާތުން ހާމައެއް ނުކުރެއެވެ.
ފުލުހުންގެ މުއައްސަސާއިން ހާމަކޮށްފައިވާ ގޮތުގައި، ބޯހިޔާވަހިކަން ހޯދައިދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ އަތުލަމުންދިޔަ މައްސަލައެއް އެ އިދާރާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އަދި މި މައްސަލައިގެ ސީރިއަސް ތަހުގީގެއް ފުލުހުން މިހާރު ފަށައިގެން ކުރިއަށްގެންދާ ކަމަށްވެސް ބުނެފައިވެއެވެ.
މުހައްމަދު ޔާސީން މި މަގާމަށް އައްޔަންކުރެވުނީ ޖަނަވަރީ 21، 2024 ގައެވެ. އޭނާ މަގާމުން ވަކިކުރި ނަމަވެސް، ފިޝަރީސް މިނިސްޓްރީގެ ރަސްމީ ވެބްސައިޓުގައިވާ ސިޔާސީ މުވައްޒަފުންގެ ލިސްޓުން އަދިވެސް އޭނާގެ ނަން އުނިކޮށްފައެއް ނުވެއެވެ. އެ މިނިސްޓްރީގައި މިހާރުވެސް ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންގެ ގޮތުގައި 25 ބޭފުޅުން ތިއްބަވައެވެ.

