ޚަބަރު

ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ މިނާގައި: ހައްޖު ކޯޕަރޭޝަން

ރޭގެ ވަގުތެއްގައި މައްކާ އިން ފުރައިގެން ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު ވަނީ މިނާއަށް ގޮސްފައިކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ފަތިހުގެ ވަގުތުގައި މިނާއަށް ފޯރި ހުރިހާ ޙާޖީންގެ ހާލުވެސް ރަނގަޅުއިރު، މިއަދަކީ ޙައްޖުގެ މަނާސިކުތަކުގެ ތެރެއިން މަޝާއިރުގައި ޙައްޖުވެރިން ހޭދަކުރާނެ ހަ ދުވަހުގެ ތެރެއިން ފުރަތަމަ ދުވަސްކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. ހައްޖު ކޯޕަރޭޝަނުން ބުނިގޮތުގައި މިނާ އާއި އަރަފާތުގައި ޙާޖީން ތިބުމުގެ ހުރިހާ ތައްޔާރީތަކެއް މިހާރު ވަނީ ނިމިފައެވެ.

މިނާގައި ދިވެހި ޙާޖީން ތިބުމަށް ހަމަޖައްސާފައިވާ އޭސީ ޓެންޓުތަކުން ފެންނަނީ މުޅިން އާ އިންތިޒާމްތަކެކެވެ. ކޮންމެ ޙައްޖުވެރިއަކަށް ސޯފާ ބެޑަކާއި ބާލީހުގެ އިތުރުން، އަޅުކަމަށް ބޭނުންވާނެ މުސައްލަ، ކުޑަ އަދި ހިލަ ހޮވާ ކޮތަޅު ފަދަ ތަކެތި ހިމެނޭ ޚާއްސަ “ޙައްޖު ޕެކޭޖެއް” ވަނީ ދީފައެވެ. ކެއިންބުއިމުގެ އިންތިޒާމްތައް ބުފޭ އުސޫލުން ހަމަޖައްސާފައިވާއިރު، އަންހެނުންނާއި ފިރިހެނުންނަށް ވަނީ ވަކި ސަރަޙައްދުތަކެއް ޚާއްސަކޮށްފައެވެ.

މިފަހަރުގެ އެންމެ ބޮޑު އެއް ތަފާތަކީ ޙައްޖުވެރިންނަށް ޚާއްސަކޮށްފައިވާ ފާޚަނާގެ އަދަދު ފަސް ގުނަ އިތުރުކޮށް، 60 ފާޚަނާ ބަހައްޓާފައިވުމެވެ. މީގެ އިތުރުން ހޫނުގަދަ ވަގުތުތަކުގައި ޙާޖީންނަށް ބޭނުންވާނެ ފިނި ބުއިންތައް ހިލޭ ލިބޭނެ ފްރިޖްތައް ޓެންޓުތަކުގެ ބޭރުގައި ވަނީ ބަހައްޓާފައެވެ. މިނާއެކޭ އެއްފަދައިން އަރަފާތުގައި ޙައްޖުވެރިން ތިބޭނެ އޭސީ ޓެންޓުތަކާއި އެހެނިހެން ޚިދުމަތްތައް ވެސް މިހާރު ވަނީ ފުރިހަމަކޮށްފައިކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close