ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރާ މީހުންނާއި ހުތުބާ ކިޔާ ހަތީބުންނަށް ހާއްސަކޮށް، ދިވެހިވަންތަ ސަގާފަތާއި ތާރީހު ރަމްޒުކޮށްދޭ ރަސްމީ ހެދުމެއްގެ ވަގުތީ ޑިޒައިން އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކުގައި ހިއްސާކުރެއްވި މި ވަގުތީ ފަރުމާއިން އެންމެ ބޮޑަށް ފާހަގަވެގެންދަނީ ދިވެހި އާސާރީ އަދި ސަގާފީ ސިފަތަކެވެ. މި ޑިޒައިން އެކުލަވާލާފައިވަނީ މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ ޑިޒައިނާއި، ދިވެހި ސަގާފީ ތުނޑުކުނަލުގެ ވިޔުމުގެ އިތުރުން ޒަމާނުއްސުރެ ދިވެހިންގެ ގެދޮރާއި މިސްކިތްތައް ބިނާކުރުމަށް ގެންގުޅުނު ހިރިގަލު ވަޑާމުގެ ނަލަ ފަރުމާތަކަށް ބިނާކޮށެވެ.
މިއީ މި މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ޑިޒައިން ކަމަށާއި، މި ހެދުން އެންމެ ފަހުން ފައިނަލް ކުރާނީ އާންމުންނާއި ގިނަ ބައެއްގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އަބަދުވެސް ބަލާނީ ރާއްޖޭގެ ތާރީހާއި އާސާރީ ބިނާތަކުން ފެންނަން ހުރި އިސްލާމީ އަދި ދިވެހިވަންތަ މުހިންމު ބަހާތައް މިކަމުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިމާމުންނަށް ހާއްސަ ވަކި ރަސްމީ ހެދުމެއް މީގެ ކުރިން ކަނޑައެޅިފައި ނެތްކަން ފާހަގަކުރައްވަމުން، މިފަދަ ހެދުމެއް ތައާރަފުކުރުމުގެ މައިގަނޑު މަގުސަދަކީ ދިވެހި ސަގާފަތާއި ތާރީހު ދިރުވައި އާލާކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން، ރާއްޖޭގެ ދީނީ އާދަކާދަތަކުގެ ތެރެއަށް ބޭރުގެ ބިދޭސީ ސަގާފަތްތައް ވަނުން ހުއްޓުވުމަކީވެސް މިކަމުގެ މުހިންމު ބޭނުމެއް ކަމަށް ވިދާޅުވިއެވެ.
މި ހެދުމުގެ އެންމެ ފަހުގެ ޑިޒައިން އަވަހަށް ނިންމައި، ކުރިއަށް އޮތް ރަމަޟާން މަހުގެ ތެރޭގައި ރާއްޖޭގެ އިމާމުންނާއި ހަތީބުން އެ ހެދުން ބޭނުންކުރަން ފެށުމަކީ އިސްލާމިކް މިނިސްޓްރީގެ އަމާޒު ކަމަށް ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...