ޚަބަރު

އެކްސްޕޯޓު އަދި އިމްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެއްޖެ

ފާއިތުވި ނޮވެމްބަރު މަހު، އެކްސްޕޯޓު އަދި އިމްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ނޮވެމްބަރާއި އަޅާ ބަލާއިރު ދަށްވެފައިވާކަމަށް ކަސްޓަމްސްއިން ޢާއްމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުން މިއަހަރު ގެ ނޮވެމްބަރު މަހުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 265 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު ހަމަ އެ މުއްދަތުގައި ލިބިފައިވަނީ 268 މިލިއަން ރުފިޔާއެވެ. މިއީ 1 އިންސައްތައިގެ ދަށްވުމެކެވެ.

މީގެ އިތުރުން ރާއްޖެއިން މުދާ ބޭރު ކުރި (އެކްސްޕޯޓު) އަދަދުވެސް ވަނީ ދަށްވެފައެވެ. މިގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގައި 405 މިލިއަން ރުފިޔާގެ އަގުހުރި މުދާ ބޭރު ކުރެވުނު އިރު، ފާއިތުވި އަހަރު 454 މިލިއަން ރުފިޔާގެ އަގުހުރި މުދާ ވަނީ ބޭރު ކުރެވިފައެވެ. އެހެން ކަމުން މިއީ 11 އިންސައްތައިގެ ދަށްވުމެކެވެ.

މުދާ ބޭރުކުރި ވަރު ދަށްވެފައި ވީނަމަވެސް އެތެރެކުރި މުދަލުގެ ސީއައިއެފްގެ އަގު ވަނީ މިދިޔަ އަހަރު ގެ ނޮވެމްބަރު މަހާއި އަޅާ ބަލާއިރު ކުޑަ ތަންކޮޅެއް އިތުރުވެފައެވެ. މިގޮތުން މި އަހަރުގެ ނޮވެމްބަރު މަހު 4.3 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ އިރު ފާއިތުވި އަހަރުގެ ނޮވެމްބަރު މަސްތެރޭ އެތެރެކޮށްފައިވަނީ 4.2 ބިލިއަން ރުފިޔާގެމުދަލެވެ.

ނޮވެމްބަރު މަހުވެސް ރާއްޖެއިން އެންމެ ގިނަ މުދާ އެތެރެކުރީ ޔޫއޭއީ އިންނެވެ. އެއީ އެެތެރެ ކުރި ހުރިހާ މުދަލެއްގެ 20 އިންސައްތައެވެ. ދެން އެންމެ ގިނައިން އެތެރެކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ 15 އިންސައްތައެވެ. އޭގެ އިތުރުން ދެން އެންމެ ގިނައިން މުދާ އެތެރެ ކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ފްރާންސް އަދި ސިންގަޕޫރެވެ.

އެންމެ ގިނަ އަދަދަކަށް ރާއްޖެއިން މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑަށެވެ. އެއީ ޖުމްލަ ހުރިހާ މުދައްލެއްގެ 51 އިންސައްތައެވެ. ދެން އެންމެ ގިނައިން މުދާ ބޭރުކުރެވިފައިވަނީ ފްރާންސް، ޖަރުމަން، އެމެރިކާ އަދި އިނގިރޭސި ވިލާތަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close