ޚަބަރު

ރައީސް ޔާމީން ވެރިކަމަށް ގެނައުންނޫން އެހެން ޙައްލެއްނެތް – ޑރ.ޖަމީލް

ރާއްޖޭގެ ހާލަތު ވަރަށްގޯސް ކަމަށާއި އިޤުތިޞާދަށް، ވަމުންދާ ގޮތެއް ނޭނގޭކަމަށާއި، ރާއްޖެ އަށް ދިމާވެފައިވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލަކީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަކުރުމުގެ ފުރުސަތު ހޯދައި އަލުން ޕީޕީއެމް ވެރިކަމަށް ގެނައުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އަށް ރޭ ސޮއި ކުރެއްވުމަށް ފަހު ތަކުރާރުކޮށް ޖަމީލް ވިދާޅުވީ ރާއްޖެއަށް ބޭނުން ވަނީ ބިނާކުރަނިވި ފިކުރު ކަމަށާއި އެފިކުރުގެ ބާނީއަކީ ރައީސް ޔާމީން ކަމަށެވެ.

ޖަމީލް ވިދާޅުވީ ފުރިހަމަ ގޮތުގައި އަރާމު ކުރާނީ ރައީސް ޔާމީން މިނިވަން ކުރުމަށްފަހު ކަމަށެވެ.

ރޭގެ ޕްރެސްގައި ޖަމީލް ވަނީ ރައީސް ޞާލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޞާލިހް އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭންކެއްގެ ނަން އޮޅިވަޑައިގަތުމުންނާއި ހިޔާ މަޝްރޫޢުތަކުގެ ފްލެޓްތަކުގައި ދިރިއުޅޭނެ މީހުންގެ އަދަދު އޮޅުވާލައިގެން ވިދާޅުވެފައި ވާތީ އެކަމަށް ޖަމީލް ފާޑުވިދާޅުވިއެވެ.

ރައީސް ޔާމީން ވެރިކަމަށް ގެންނަން ޖެހޭ ސަބަބުތައް ހާމަކުރައްވަމުން ޖަމީލް ވިދާޅުވީ މިހާރު ރާއްޖޭގައި ހުރި މައްސަލަތަކައް ހައްލު ގެންނަން ބޭނުން ނަމަ ވެރިކަމަށް ގެންނަން ޖެހޭނީ ބިޔަ ކެރޭ ލީޑަރު ކަމަށާއި އެމީހަކީ “މީހަކު ފެންނަ ކޮންމެ ފަހަރަކު ކަރުނަނާޅާ” މީހަކަށް ވާން ޖެހޭނެ ކަމަށެވެ.

ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމްގައި ވެސް ހިމެނިވަޑައިގަންނަވާ ޖަމީލް ވިދާޅުވީ ރައީސް ޔާމީންގެ ޝަރީޢަތަކީ އިންސާފަކުން، ހަމައަކުން ހިންގި ޝަރީޢަތެއް ނޫން ކަމަށެވެ.

ޑރ. ޖަމީލު ވިދާޅުވީ އަޅުގަނޑުމެންނަށް މިއަދާއި ހަމައަށް އައިއިރު ވެސް އެވިދާޅުވާ ކޮރަޕްޝަނަކީ ކޮބައިކަން ނޭންގުނުކަމަށެވެ. ސާބިތުކޮށެއް ނުދެވުނުކަމަށެވެ. މިއަދު ދިވެހިރާއްޖޭގެ ރައްޔިތުން ގަބޫލު ކުރައްވަންވީ ރައީސް ޔާމީން ޖަލުގައި ބަހައްޓާފައި އެހުރީ ސިޔާސީ ހަސަދަވެރިކަމުން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close