މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އެސިސްޓެންޓް އޮފިސާ ޓްރެއިނީގެ މަގާމަމަށް އަލަށް 26 މުއައްޒަފަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.
ކަސްޓަމްސްއިން މިކަމަށް ހުޅުވާލައި ކުރި އިއުލާނުގައިވާގޮތުން ، ސަރުކާރުގެ ނެޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ދިވެހި ވަތަނީ ހިދުމަތް ފުރިހަމަކޮށްފައިވާ ޒުވާނުންނަށް ވެސް މި ވަޒީފާތަކަށް މިހާރު ކުރިމަތި ލެވޭނެއެވެ.
މި ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެގޮތުން އުމުރު ބެލުމުގައި މިއަހަރުގެ އޯގަސްޓު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް އުމުރު ފުރޭ މީހުންނަށް އިސްކަންދެވޭނެއެވެ.
މި މަގާމަށް ހޮވޭ މުވައްޒަފުންނަށް އަސާސީ މުސާރައިގެ ގޮތުގައި 5,000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 4,660 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާގެ އިތުރުން ކޮއްތު ފައިސާ، އިތުރު ގަޑީގެ ފައިސާ އަދި ބަންދު ދުވަސްތަކުގެ އިނާޔަތްތަކާއެކު މަހަކު ޖުމްލަ 11,000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިގެންދާނެއެވެ.
މި މަގާމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި އޯ ލެވެލް އިމްތިހާނުން ދެ މާއްދާއިން ‘ޑީ’ ފާސް ލިބިފައިވުމާއެކު ސެކަންޑަރީ ސްކޫލު އިމްތިހާނުން ދަށްވެގެން ‘ސީ’ ފާސް އޮތުން ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ލެވެލް 3 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުން ހިމެނެއެވެ. އަދި ކަސްޓަމްސްއިން ބާއްވާ ފިޒިކަލް ޓެސްޓުން ފާސްވުމަކީވެސް މަގާމުގެ މަޖުބޫރު ޝަރުތެކެވެ.
މީގެ އިތުރުން ވަތަނީ ހިދުމަތް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވާ ޒުވާނުންނަށްވެސް މިއީ ވަޒީފާގެ ފުރުސަތު ހުޅުވިގެންދިޔަ ކަމެކެވެ. ސަރުކާރުން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން ތަމްރީނުވި ގިނަ ޒުވާނުންނަށް މީގެ ކުރިންވެސް އެމްއެންޑީއެފް، ފުލުހުން އަދި ސަރުކާރުގެ އެކި އިދާރާތަކުން ވަނީ ވަޒީފާގެ ފުރުސަތުތައް ހަމަޖައްސައިދީފައެވެ.
މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިއަށްއޮތް ހޯމަ ދުވަހުގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ކަސްޓަމްސްއިން ވަނީ ހުޅުވާލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...