ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރުގެ މައި މަގެއް ކަމަށްވާ 8-ޑިގްރީ ޗެނަލްއާ އިންވެގެން އޮތް އިހަވަންދިއްޕޮޅު، ދުނިޔޭގެ ފެންވަރުގެ ވިޔަފާރިއާއި ލޮޖިސްޓިކްސް މަރުކަޒަކަށް ބަދަލުކޮށްލުމަށްޓަކައި އަބޫދާބީގެ ސަރޙް ގްރޫޕާއެކު ދިވެހި ސަރުކާރުން މިއަދު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
"މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދިވެހި ސަރުކާރާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީއަށް ނިސްބަތްވާ ސަރޙް ގްރޫޕް ފޮރ ޓެކްނިކަލް ސަރވިސަސް އެލްއެލްސީއާ ދެމެދުގައެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ސޮއިކުރެއްވިއިރު، އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝިމާދު އިބްރާހީމެވެ. އަދި ސަރޙް ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީއީއޯ އަޙްމަދު އިބްރާހީމް ޢަލީ މުޙައްމަދު އަލްމުތާވާއެވެ.
އިގްތިސާދީ ވުޒާރާއިން ބުނި ގޮތުގައި، 1976 ވަނަ އަހަރުން ފެށިގެން މެރިޓައިމް، އެނަރޖީ އަދި ލޮޖިސްޓިކްސްގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ސަރޙް ގްރޫޕުން މި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ޒަމާނީ ބަނދަރަކާއި ގުޅުންހުރި އެންމެހައި ވަސީލަތްތައް އެކުލެވޭ ފުރިހަމަ އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓެއްގެ ގޮތުގައި އިހަވަންދިއްޕޮޅު ތަރައްގީކުރުމަށެވެ.
މި މަޝްރޫއުގެ ދަށުން ބައިނަލްއަގްވާމީ ފެންވަރުގެ ޓްރާންސްޝިޕްމަންޓް ޕޯޓަކާއި، ލޮޖިސްޓިކްސް ހިދުމަތްތަކުގެ އިތުރުން ސިނާއީ މަސައްކަތްތަކާއި ފަތުރުވެރިކަން ހިމެނޭހެން އިގްތިސާދީ ފުރިހަމަ ޒޯނެއް އެ ސަރަހައްދުގައި ގާއިމުކުރެވިގެންދާނެއެވެ.
ފާއިތުވި އަހަރުތަކުގައި އެކި ސަރުކާރުތަކުން އިހަވަންދިއްޕޮޅު ތަރައްގީކުރުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، މިއަދު ވެވުނު މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯއާއި ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް، މި ތަސައްވުރު ހަގީގަތަކަށް ހެދުމަށް އެޅުނު އަމަލީ ފިޔަވަޅެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިގްތިސާދީ ހަރަކާތްތައް ފުޅާވެ، ސަރަހައްދީ އަދި ބައިނަލްއަގްވާމީ ވިޔަފާރީގެ ވިއުގައިގައި ރާއްޖޭގެ ދައުރު ވަރުގަދަވެގެންދާނެ މި މަޝްރޫއަކީ، ދިވެހި ރައްޔިތުންނާއި ގައުމުގެ މަސްލަހަތު ހިމާޔަތްކުރެވިގެން ދެމެހެއްޓެނިވި މަންފާ ލިބޭނެހެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
އަދި ސަރުކާރުގެ "ވިޝަން 2040" ގެ ދުރު ރާސްތާ ތަސައްވުރުގެ ދަށުން، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށާއި ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް އެޅޭ ވަރަށް މުހިންމު ބިންގަލަކަށް މި މަޝްރޫއު ވެގެންދާނެ ކަމަށް ވެސް އިގްތިސާދީ ވުޒާރާއިން ބުންޏެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...