ޚަބަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު “ބޯހިޔާވަހިކަން އެންމެންނަށް” އިފްތިތާޙުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މާސްޓަރ ޕްލޭން “ބޯހިޔާވަހިކަން އެންމެންނަށް” ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. ރައީސް މުޢިއްޒު ވަޢުދުވެ ވަޑައިގެންފައިވާ ގޮތަށް، ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުކޮށްދިނުމަކީ މި ސިޔާސަތުގެ މައިގަނޑު މަޤްޞަދުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ސިޔާސަތާއެކު ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ޢުސޫލުތަކާއި، ފްލެޓް ދޫކުރުމާއި ގޯތި ދޫކުރުމުގެ ސްކީމުތަކުގެ އުސޫލުވެސް ވަނީ ޢާއްމުކޮށްފައެވެ. ބޯހިޔާވަހިކަމުގެ ފުރުޞަތުތައް މައިގަނޑު 4 ކެޓަގަރީއަކަށް ބަހާލާފައިވާއިރު، މީގެތެރޭގައި މާލީގޮތުން ފުދުންތެރި ފަރާތްތަކަށް ވިޔަފާރި އުސޫލުން ބޯހިޔާވަހިކަން ގަތުމުގެ ފުރުޞަތާއި، މެދުފަންތީގެ ޢާއިލާތަކަށް އެފޯޑަބަލް ހައުސިންގް، އަދި ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ ގޮތް ހަމަޖެއްސުން ހިމެނެއެވެ. އެންމެ ފަޤީރު ޙާލަތުގައިވާ ޢާއިލާތަކަށްވެސް ޚާއްޞަ އެސެސްމެންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ލިބޭނެކަމަށް މިނިސްޓަރު މުއްޠަލިބް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސްކީމުގެ ދަށުން ރަސްމާލެއިން 15,000 ގޯތި ދޫކުރައްވާނެކަމަށް އިއުލާންކުރައްވާފައެވެ. އަދި މާލެ ސަރަހައްދުގައި 7,000 ފްލެޓްގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ގޯއްޗާއި ފްލެޓް ދިނުމުގެ އަސާސީ ޝަރުތުތަކާއި ޕޮއިންޓް ދިނުމުގެ އުސޫލު ޢާއްމުކޮށްފައިވާއިރު، މީގެކުރިން ނުހިމެނޭ މުހިންމު ބަދަލުތަކެއް މި އުސޫލުގައި ހިމެނޭކަން ފާހަގަކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close