ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި މަޤާމަށް ޝައުޤުވެރިވާ ޤާނޫނީ ދާއިރާގެ ބޭފުޅުންނަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި ހިނގާ ނޮވެމްބަރު މަހުގެ 25 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 އެވެ.
ޖޭއެސްސީން ހާމަކުރި ގޮތުގައި، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ޢުމުރުން 25 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. އަދި ޝަރުޢީ ނުވަތަ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަމުގައި މަދުވެގެން 5 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާން ޖެހެއެވެ. ޝަރުތު ހަމަވާ ފަރާތްތަކަށް ކޮމިޝަނުގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށް އަދި ކައުންޓަރަށް ހާޑްކޮޕީ ހުށަހަޅައިގެންވެސް ކުރިމަތިލެވޭނެއެވެ.
ހައިކޯޓުގެ ފަނޑިޔާރެއްގެ މުސާރައާއި ޢިނާޔަތްތަކުގެ ތަފްޞީލަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި މަހަކު 45،700 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. މީގެއިތުރުން ލިވިންގ އެލަވަންސްގެ ގޮތުގައި 18،000 ރުފިޔާއާއި، ރިސްކް އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ ހިމެނޭހެން، މަހަކު ޖުމްލަ 66،700 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުޞޫލުން މެޑިކަލް އިންޝުއަރެންސާއި ފޯން އެލަވަންސްވެސް ހަމަޖެހިގެންދާނެއެވެ.
ދިވެހިރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމުގައި އިސްތިއުނާފީ ދެވަނަ މަރުޙަލާގެ ކޯޓަކީ ހައިކޯޓެވެ. ޤާނޫނުއަސާސީއާއި ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުން ހައިކޯޓުގައި އުއްތަމަ ފަނޑިޔާރު ހިމެނޭހެން ޖުމްލަ 11 ފަނޑިޔާރުން ތިއްބަވަން ޖެހެއެވެ. ނަމަވެސް އެކި ދުވަސްވަރު ފަނޑިޔާރުން އިސްތިއުފާ ދެއްވުމާއި، ސުޕްރީމް ކޯޓަށް ބަދަލުވުމުގެ ސަބަބުން މި މަޤާމުތައް ހުސްވެއެވެ. ކޯޓުތަކުގައި ފުނިޖެހިފައިވާ މައްސަލަތައް އަވަސްކޮށް، ޝަރުޢީ ދާއިރާގެ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފުރިހަމަކުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...