ރަސްމާލެ މަޝްރޫއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ބޮޑު ކެމްޕޭނެއް ހިންގަމުންދާ ދަނޑިވަޅެއްގައި، ބޭރުގެ ސީދާ އިންވެސްޓްމަންޓްތަކަށް ތައުރީފު ކުރައްވައި، ގައުމަކަށް ހަގީގީ ތަރައްގީ ހޯދޭނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔައިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިސްތިއުމާރީ އަޅުވެތިކަމުން މިނިވަންވި ގައުމުތަކުގެ ތަރައްގީއަށް އިޝާރާތް ކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓްތަކަށް ފުރުސަތު ދިނުމަކުން ގައުމުގެ މިނިވަންކަމާއި އިސްތިގްލާލަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާ ކަމަށެވެ.
ސިންގަޕޫރާއި ދެކުނު ކޮރެއާގެ އިގްތިސާދީ ކުރިއެރުން ހެކިދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ބޭރުގެ އިންވެސްޓަރުންނަށް ދޮރު ހުޅުވާލުމުން އެ ގައުމުތަކުގެ އިގްތިސާދު ވަރުގަދަވެ، އިސްތިގްލާލު ދިފާއު ކުރުމުގެ ބާރު ލިބި، ބައިނަލްއަގްވާމީ މައިދާނުގައި ވަރުގަދަ މަގާމެއް ކަށަވަރުވެގެން ދިޔަ ކަމަށެވެ.
އެހެންނަމަވެސް، ގައުމަކަށް އަންނަ ބޭރުގެ އިންވެސްޓްމަންޓަކީ ހަމައެކަނި އެ ގައުމެއްގެ ގުދުރަތީ ވަސީލަތްތަކާއި ރޯ މެޓީރިއަލް ނަގައިގެން ބޭރުކުރާ ނިޒާމަކަށް ވެގެން ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އެ ތަކެތި ގައުމުގައި ޕްރޮސެސްކޮށް، އެތެރޭގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ އިންތިޒާމެއް އޮންނަން ލާޒިމުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންގެ ވިސްނުމާ މުޅިން ހިލާފަށް، ނަޝީދު ގެންދަވަނީ ރަސްމާލެ މަޝްރޫއަށް ފުރިހަމައަށް ތާއީދު ކުރައްވާކަން ތަކުރާރުކޮށް ހާމަކުރައްވަމުންނެވެ.
މި މަހުގެ އެއްވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވެސް އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އެންމެންނަކީ ވެސް ކޮންމެވެސް އެހެން ތަނަކުން އައިސް މި ބިމުގައި ވަޒަންވެރިވި ބައެއް ކަމަށާއި، މިފަދަ ތަރައްގީގެ ނިންމުންތަކުން ނުކުންނާނީ ރަނގަޅު ނަތީޖާ ކަމަށެވެ.
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގާ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ރޭގެ ވަގުތެއްގައި ބޭއްވި ބޮޑު އެއްވުމުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.
އެ އެއްވުމުގައި ކުރީގެ ރައީސް ޔާމީން ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީ ނުވަތަ ޕީއެންއެފުން ކާމިޔާބު ކުރި ނަމަވެސް، އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުން އެއްވެސް ބަދަލެއް ދިނުމަކާ ނުލައި ބާތިލު ކުރާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ރަސްމާލެ މަޝްރޫއާ ދެކޮޅަށް ނުނިކުންނަ ޕީއެންސީގެ މެންބަރުންނާއި މަޖިލިސް މެންބަރުންނާއި ފުލުހުންނާއި ސިފައިންނަކީ ކުށުގެ ބައިވެރިން ކަމަށާއި، ކުރިމަގުގައި އެ ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގޭނެ ކަމަށް ވިދާޅުވެ ޔާމީން ވަނީ އިންޒާރު ދެއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...