ސަރުކާރު ހިންގާ ޕީއެންސީއާއެކު ސިޔާސީ ގޮތުން އެއްބަސްވުމެއް އެކުލަވާލައި، ޢަދާލަތު ޕާޓީ ރަސްމީކޮށް ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއަކަށް މިއަދު ވެއްޖެއެވެ.
ބާރސެލޯ ނަސަންދުރާގައި ބޭއްވި މި ރަސްމިއްޔާތުގައި، ދެ ފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގައި ޕީއެންސީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުالله އެވެ. އަދި ޢަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް އައްޝައިޚް މުޙައްމަދު ޝިފާނެވެ. މި ބައްދަލުވުމުގައި ދައުލަތުގެ އެންމެ އިސްވެރިޔާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ދަށުން މިހާރު ހިނގަމުންދާ ދައުރުގައި ސަރުކާރަށް އެއްބާރުލުން ދިނުމުގެ އިތުރުން، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމަށްޓަކައި އެންމެހައި މަސައްކަތްތަކެއް ކުރުމަށް ޢަދާލަތު ޕާޓީން ވަނީ ކަނޑައަޅާފައެވެ.
މި ސިޔާސީ ގުޅުމަށް ރުހުން ދިނީ މިމަހުގެ 14 ވަނަ ދުވަހު އޮތް ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ޖަލްސާގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 41 މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ރައީސް މުޢިއްޒު ދެއްވި ދަޢުވަތު ޤަބޫލުކޮށް ސަރުކާރުގެ ހިންގުމުގެ ތެރޭގައި ބައިވެރިވުމަށެވެ.
މި އެއްބަސްވުން ތަންފީޒުވާން ފެށުމާއެކު، ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުގެ އިސް މަޤާމުތަކަށް ޢަދާލަތު ޕާޓީގެ ބޭފުޅުން ޢައްޔަންކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...