ޚަބަރު ޓެކުހާއި ހިލޭ އެހީ އިތުރުވެ، ދައުލަތުގެ އާމްދަނީ 36 ބިލިއަން ރުފިޔާ ފަހަނައަޅައި ހިނގައްޖެ

ޓެކުހާއި ހިލޭ އެހީ އިތުރުވެ، ދައުލަތުގެ އާމްދަނީ 36 ބިލިއަން ރުފިޔާ ފަހަނައަޅައި ހިނގައްޖެ

ޓެކުހާއި ހިލޭ އެހީ އިތުރުވެ، ދައުލަތުގެ އާމްދަނީ 36 ބިލިއަން ރުފިޔާ ފަހަނައަޅައި ހިނގައްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މި އަހަރުގެ ޖަނަވަރީން ފެށިގެން މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު ޓެކުހާއި ހިލޭ އެހީ އަދި އެހެނިހެން އާމްދަނީގެ މިންވަރު އުފުލި، ޖުމްލަ އާމްދަނީ 36 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް މާލީ އަދި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މާލީ ވުޒާރާއިން ކޮންމެ ހަފުތާއަކު އާއްމުކުރާ ދައުލަތުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ލިބުނު ޖުމްލަ އާމްދަނީއަކީ ނިމިދިޔަ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 33.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 8.0 އިންސައްތައިގެ ކުރިއެރުމެކެވެ.

މި އަހަރު ދައުލަތުގެ ބަޖެޓަށް ލިބުނު ފައިސާގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އެގޮތުން ނޮވެމްބަރު 12 ގެ ނިޔަލަށް ޓެކުހުގެ ގޮތުގައި 27.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.8 ބިލިއަން ރުފިޔާއަށްވުރެ 10.3 އިންސައްތަ އިތުރު އަދަދެކެވެ.

ޓެކުހުގެ އާމްދަނީއަށް ބަލާއިރު، ޖީއެސްޓީގެ ގޮތުގައި 14.4 ބިލިއަން ރުފިޔާ ދައުލަތަށް ވަދެފައިވެއެވެ. މީގެ އިތުރުން ވިޔަފާރިތަކުގެ އާމްދަނީއާއި މުދަލުގެ ޓެކުހުން 6.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ދައުލަތުގެ އާމްދަނީ އިތުރުވުމުގައި ޓެކުހުގެ އިތުރުން ދެން އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެއްކި ޑިވިޑެންޑެވެ. މި އަހަރުގެ މިހާތަނަށް ކުންފުނިތަކުގެ ފައިދާއިން ސަރުކާރަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ފާއިތުވި އަހަރުގެ 654.7 މިލިއަން ރުފިޔާއާ އަޅާބަލާއިރު 61.3 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ ހަފުތާގައި އެންމެ ގިނަ އަދަދަކަށް ޑިވިޑެންޑް ދެއްކި ކުންފުންޏަކީ އެމްޑަބްލިއުއެސްސީއެވެ. އެ ކުންފުނިން ވަނީ ފާއިތުވި ހަފުތާގެ ތެރޭގައި 572.7 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައެވެ.

ހަމައެއާއެކު، ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 8.1 ބިލިއަން ރުފިޔާގައި ހުރިއިރު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ 64.9 އިންސައްތަ އިތުރުވެފައެވެ. މި އަހަރުގެ މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 528 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ ވުޒާރާއިން ބުނެއެވެ.

ޓެގް

އާމްދަނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.