ޚަބަރު އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ތައްޔާރީތައް ނިމި، ހޮނިހިރު ދުވަހު ވޯޓުލުން ބާއްވަނީ

އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ތައްޔާރީތައް ނިމި، ހޮނިހިރު ދުވަހު ވޯޓުލުން ބާއްވަނީ

އެލްޖީއޭ ބޯޑުގެ އިންތިޚާބުގެ ތައްޔާރީތައް ނިމި، ހޮނިހިރު ދުވަހު ވޯޓުލުން ބާއްވަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑަށް މެންބަރުން އިންތިޚާބުކުރުމަށް އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށް އެ އޮތޯރިޓީން މިއަދު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ޤާނޫނުގެ ދަށުން އެލްޖީއޭގެ ބޯޑަށް ޖުމްލަ ތިން މެންބަރަކު އިންތިޚާބު ކުރަންޖެހެއެވެ. މި ތިން މަގާމަކީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން މެންބަރެކެވެ.

އެލްޖީއޭއިން ހާމަކުރެއްވި ގޮތުގައި، ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރުގެ މަގާމަށް ނަން ހުށަހެޅުއްވީ އެންމެ ބޭފުޅެއް ކަމުން، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވަނީ މިހާރު އެ މަގާމަށް އިންތިޚާބުވެފައެވެ.

ހޮނިހިރު ދުވަހު އިންތިޚާބު ބާއްވަނީ ރަށު ކައުންސިލްގެ މެންބަރުންގެ ތެރެއިންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެލްޖީއޭ ބޯޑަށް ހޮވާ މެންބަރުން ކަނޑައެޅުމަށެވެ. އެލްޖީއޭގެ ޑިރެކްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވިގޮތުގައި، ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 4:00 އަށް ކަމަށެވެ. ވޯޓުލާ ވަގުތު ހަމަވާއިރު ކިޔޫގައި މީހުން ތިއްބަސް، ވޯޓުލުމުގެ ފުރުސަތު ދެވޭނެއެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 807 ފަރާތަކަށް ލިބިގެންވެއެވެ. މި އަދަދުގެ ތެރޭގައި 625 ކައުންސިލަރުންނާއި، 182 އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުން ހިމެނެއެވެ. މީގެ ތެރޭގައި 177 ރަށު ކައުންސިލާއި، ފަސް ސިޓީ ކައުންސިލްގެ ޑަބްލިޔުޑީސީގެ ރައީސުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

ވޯޓުލުމަށް 19 ވޯޓުފޮށި ބަހައްޓާނެ ކަމަށް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ. މި ވޯޓުފޮށިތައް ބަހައްޓާނީ އެލްޖީއޭ މައި އޮފީހާއި، އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ސަރުކާރުގެ ޚިދުމަތު މަރުކަޒުތަކާއި، ހުޅުދޫ އިޖުތިމާޢީ މަރުކަޒުގައެވެ. ވޯޓުފޮށިތަކުގެ ކައިރީގައި ހަރަކާތްތެރިވާނެ އޮފިޝަލުންނަކީ އެލްޖީއޭގެ މުވައްޒަފުންނާއި ޚިދުމަތު މަރުކަޒުތަކުގެ މުވައްޒަފުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވޯޓުލުން ނިމި، ވޯޓުފޮށިތައް ބަންދުކުރާތާ 30 މިނިޓް ފަހުން ވޯޓު ގުނަން ފަށާނެއެވެ. މި ދެ އިންތިޚާބުގެ ވޯޓު ކަރުދާހުގެ ކުލަ ތަފާތުވާނެ ކަމަށްވެސް އެލްޖީއޭއިން ބުނެއެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ހޮނިހިރު ދުވަހުގެ ރޭ އިއުލާންކުރާނެއެވެ. ޤަވާއިދުގައިވާ ގޮތުން، ދާއިމީ ނަތީޖާ 3 ދުވަހުގެ ތެރޭގައި އިއުލާންކުރަންޖެހޭއިރު، މި އިންތިޚާބުގެ ދާއިމީ ނަތީޖާ އަންނަ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

ޓެގް

އެލްޖީއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.