ރަޝިޔާގެ އެންމެ ބޮޑު ދެ ތެޔޮ ކުންފުނި ކަމަށްވާ ރޮސްނެފްޓް އަދި ލުކޮއިލް އަށް ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އެޅުމާ ގުޅިގެން، ޗައިނާގެ ސަރުކާރު ހިއްސާވާ ބޮޑެތި ތެޔޮ ކުންފުނިތަކުން ކަނޑުމަގުން ގެންނަ ރަޝިޔާގެ ތެޔޮ ގަތުން ވަގުތީ ގޮތުން ހުއްޓާލައިފި ކަމަށް ވިޔަފާރީގެ ގިނަ މަސްދަރުތަކުން ބުނެފިއެވެ.
ޗައިނާގެ މި ނިންމުން ނިންމާފައި މިވަނީ، އެމެރިކާއިން ޔޫކްރެއިނަށް ހަމަލާދިނުމާ ގުޅިގެން ރަޝިޔާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާވުމުގެ ގޮތުން، ރަޝިޔާގެ ކަނޑުމަގުގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމު ކަމަށްވާ އިންޑިއާ އިން ވެސް އެ ގައުމުން ތެޔޮ އެތެރެކުރުން ވަރަށް ބޮޑަށް ކުޑަކުރަން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.
ޗައިނާގެ ސަރުކާރުގެ ތެޔޮ ކުންފުނިތައް ކަމަށްވާ ޕެޓްރޯޗައިނާ، ސިނޮޕެކް، ސީއެންއޯއޯސީ އަދި ޒެންހުއާ އޮއިލް އިން ވަނީ، ދަތިކުރުމުގެ ފިޔަވަޅުތަކާ މެދު އޮތް ކަންބޮޑުވުމުގެ ސަބަބުން، ކަނޑުމަގުން ގެންނަ ރަޝިޔާގެ ތެޔޮ ގަތުން ކުރު މުއްދަތަކަށް ނަމަވެސް ހުއްޓާލާނެ ކަމަށް މަސްދަރުތަކުން ބުނެފައެވެ.
އެހެންނަމަވެސް، ޗައިނާއަށް ދުވާލަކު 1.4 މިލިއަން ފީފާ ރަޝިޔާގެ ތެޔޮ ކަނޑުމަގުން އެތެރެކުރާއިރު، އޭގެ ބޮޑު ބައެއް ގަންނަނީ ސަރުކާރުގެ ކުންފުނިތަކުގެ ބަދަލުގައި މިނިވަން ރިފައިނަރީތަކުންނެވެ.
ރަޝިޔާގެ އެންމެ ބޮޑު ދެ ކަސްޓަމަރުންގެ ތެޔޮ ޑިމާންޑް ކުޑަވުމަކީ އެ ގައުމުގެ ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެކެވެ. އަދި ދުނިޔޭގެ އެންމެ ބޮޑެތި ތެޔޮ އެތެރެކުރާ ގައުމުތަކަށް އެހެން މަސްދަރުތަކުން ތެޔޮ ހޯދަން މަޖުބޫރުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
މިކަމާ ގުޅިގެން، އިންޑިއާ އާއި ޗައިނާއިން މިހާރު ރަޝިޔާއިން ގަންނަ ތެލުގެ ބަދަލުގައި މެދުއިރުމައްޗާއި، އެފްރިކާ އަދި ލެޓިން އެމެރިކާ ފަދަ ތަންތަނުން ތެޔޮ ގަންނަން ފަށާނެ ކަމަށް ވިޔަފާރިވެރިން ލަފާކުރެއެވެ. މީގެ ސަބަބުން އެ ސަރަހައްދުތަކުގެ ތެލުގެ އަގު ބޮޑުވެގެން ދާނެއެވެ.
ޗައިނާއަށް ދުވާލަކު 900,000 ފީފާ ރަޝިޔާގެ ތެޔޮ ޕައިޕްލައިން މެދުވެރިކޮށް ވެސް އެތެރެކުރެއެވެ. މި ތެޔޮ އެތެރެކުރަނީ ޕެޓްރޯޗައިނާ އަށެވެ. ވިޔަފާރިވެރިން ބުނާ ގޮތުގައި، ޕައިޕްލައިން މެދުވެރިކޮށް ގެންނަ ތެލަށް މި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބޮޑު އަސަރެއް ނުކުރާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...