ކުޅިވަރުވޯލްޑްކަޕް-22

ވޯލްޑްކަޕް 2022: ޖަޕާނު އަތުން ޖަރުމަނު ހިތި ގޮތަކަށް ބަލިވެއްޖެ

އޭޝިއާގެ އެންމެ ގަދަ ބާރެއްގެ ގޮތުގައި ގިނަބަޔަކު ދެކެމުން އަންނަ ޖަޕާނުއަތުން ޔޫރަޕްގެ ގަދަ ބާރެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ޖަރުމަނު މިރޭ ހިތިގޮތަކަށް ބަލިވެއްޖެއެވެ.

ގަތަރުގައި ކުރިއަށްދާ ވޯލްޑްކަޕް 2022ގައި މިރޭ ގަތަރުގެ ހަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޖަޕާނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މޮޅަށް ކުޅުނީ ޖަރުމަނުންނެވެ. އެ ޓީމަށް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ވަނީ ލިބިފައެވެ.

އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެެވެ. އެ ޓީމުން ނެގި ކޯނަރަށް އަރައި އެންޓޯނިއޮ ރުޑިގާ ބޮލުން ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 19 ވަނަ މިނެޓުގައި ޖަރުމަނުގެ އިލްކޭ ގުންޑޮގާން ވަނީ އޭރިއާ ބޭރުން ބާރު ހަމަލާއެއް އުފައްދާފައެވެ. އޭނާގެ ހަމަލާ ޖަޕާންގެ ގޯލު ބަލަހައްޓަން ހުރި ސުއިޗީ ގޮންޑާ ވަނީ ދިފާއުކޮށްފައެވެ.

ޖަޕާންގެ ހާފު ތެރޭގައި ގޯލެއް ޖެހޭތޯ މަސައްކަތް ކުރަމުންދިޔަ ޖަރުމަނުން ވަނީ މެޗުގެ 29 ވަނަ މިނެޓުގައި ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެގޮތުން އޭރިއާ ތެރެއިން ތޯމަސް މުލާ ފޮނުވާލި ބާރު ހަމަލާ ދިފައުކުރީ ޖަޕާނުގެ ކީޕަރު ގޮންޑާއެވެ.

މެޗުގެ 31 ވަނަ މިނެޓުގައި ޖަރުމަނުގެ ގުންޑޮގަން ވަނީ ގޯލެއް ޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލަކީ ޖާމަނީގެ ޑޭވިޑް ރައުމްއަށް ޖަޕާނު އޭރިއާ ތެރެއިން ގޮންޑާ ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޖަޕާނުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ޖަރުމަނުގެ ގޯލަށް ނުރައްކާކޮށްފައެވެ.

އޭގެ މިނެޓެއްފަހުން އޭރިއާ ތެރޭގައި ހުރެ ޓަކުމޯ އަސާނޯ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 75 ވަަނަ މިނެޓުގައި ޖަޕާނުން ވަނީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަަމަކޮށްފައެވެ. އެ ގޯލަކީ ޖަޕާނުގެ ކުޅުންތެރިއަކު ޖާމަނީގެ އޭރިއާ ތެރެއަށް ނެގި ހުރަހެއް ނޯޔާ އަތުގައި ޖެހިފައި ނުކުތުމުން، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ރިސްޓޫ ޑޯން އަށް ލިބުމުން އޭނާ އެއްފަހަރުން ބޯޅަ ގޯލަށް ފޮނުވާލައިގެން ޖެހި ގޯލެކެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ޖަޕާނުން ވަނީ އިތުރު ގޯލެއްޖަހައި ޖަރުމަނު މާޔޫސްކޮށްލައިފައެވެ. އެ ގޯލަކީ ބަދަލު ކުޅުންތެރިއްގެ ގޮތުގައި ކުޅެން ނިކުތް ޓަކުމީ އަސޯނޯ ފޮނުވާލި ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close