ޚަބަރު

މަހްމޫދު މަރާލީ އޭނާ އަތުން ފައިސާ އަށް އެދުމުން އެކަމާ ދެކޮޅު ހެދުމުން

މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އދ. ދަނގެތީގައި ހިނގާދިޔަ މަރުގެ ޙާދިސާގައި އެ ރަށު ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު އަބޫބަކުރު މަރާލީ މަހްމޫދު އަތުން ފައިސާ އަށް އެދުމުން އެކަމާ މަހަމޫދު އެއްބަސްނުވުމުން ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިއްޖެ އެވެ.

މަހުމޫދު މަރާލުމަށް ފަހު ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލާދޭޝް މީހެއް ކަމަށްވާ ޝާ އަލޮމް މިއާ (ސާލިމް) ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުންގެ އިސް ވެރިން މިއަދު ވަނީ ދަނގެއްޗަށް ވަޑައިގެންފަ އެވެ. އެ ޓީމުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. ފުލުހުންގެ ވެރިން ދަނގެތީ ކައުންސިލާ ބައްދަލުކޮށް އަދި މަހްމޫދުގެ އާއިލާއާ ވެސް ވަނީ ބައްދަލުކޮށްފަ އެވެ. އަދި ތަހުގީގުން އެނގުނު ބައެއް މައުލޫމާތު ވަނީ ހިއްސާކުރައްވައިފަ އެވެ.

ސާލިމް، މަހުމޫދު މަރާލީ ސާލިމް އުޅޭ ގެޔަށް މަހްމޫދު ގެންދިއުމަށް ފަހު އެވެ. ގެޔަށް ގެންގޮސް ފައިސާ އަށް އެދުނު ކަމަށާއި ފައިސާ ނުދިނުމުން ހިނގި ކުރިމަތިލުމަކަށް ފަހު މަހްމޫދު މަރާލީ ކަމަށް ސާލިމް ބުނެފައިވެ އެވެ. އުމުރުން 57 އަހަރުގެ މަހްމޫދުގެ އެތައް މިތަނަށް ވަޅި ހަރައި މަރާލުމަށް ފަހު ބޮލާއި ފަޔަށް ގޯންޏެއް މަހައި ކައިރި ފަޅު ގެއެއްގައި ހުރި ފެންވަޅަކަށް ވައްޓާލީ ގޭގެ ފާރުމަތިން ބޭރަށް ވައްޓާލުމަށް ފަހު ނަގައިގެން ގެންގޮސްފަ އެވެ. މި ހުރިހާ ކަމެއް ވެސް ކުރީ ސާލިމް އެކަނި ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ.

އެނގިފައިވާ ގޮތުގައި ރަށުގެ ބައެއް ތަންތަނުން ލިބުނު ސީސީޓީވީ ފޫޓޭޖުތައް ބެލި އިރު ވެސް ސާލިމް ނޫން މީހެއްގެ ބައިވެރިވުން މި މަރުގައި އޮތް ކަމަކަށް ނުފެނެ އެވެ. މިހާތަނަށް ލިބުނު ހެކިތަކުން މި މައްސަލައިގައި ސާލިމް ފިޔަވައި އިތުރު އެއްވެސް މީހެއްގެ ބައިވެރިވުން އޮތް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ކުރިން ވެސް ބުނެފައިވެ އެވެ.

މަހުމޫދުގެ އާއިލާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އޭނާ އަކީ އަބަދުވެސް އަތުގައި ގިނަ އަދަދެއްގެ ފައިސާ ގެންގުޅުނު މީހެކެވެ. އޭނާގެ ހަށިގަނޑު ފެނުނު އިރު އޭނާ ގެންގުޅުނު ފައިސާ ދަބަހެއް ނުފެނެ އެވެ. ފުލުހުންނަށް މުހިންމު ބައެއް ތަކެތި ފެނިފައިވާ ކަމަށް ބުނެފައިވާ ނަމަވެސް، ފައިސާ ފެނުނު ކަމެއް ފުލުހުން ވެސް އާއިލާއިން ވެސް އަދި ކަށަވަރުކޮށެއް ނުދެ އެވެ.

މަހުމޫދުގެ ހަށިގަނޑު ފެނުނު މީހުން ކިޔައިދިން ގޮތުގައި މަހުމޫދުގެ ބޮލުގެ ފަހަތުގައި އެއްޗަކުން ވަރަށް ބާރަށް ޖަހައިފައި ހުރި ކަމަށް ބެލެވޭ ޒަހަމެއް ހުއްޓެވެ. އަދި އޭނާގެ ކަރަށް ވަޅި ހަރާފައިވާއިރު، އޭނާގެ ކަނާތް ފަރާތު ބުމަ ކައިރިއަށް ވެސް އެފަދަ ޒަހަމެއް ދީފައި ހުއްޓެވެ. އަދި ހަށިގަނޑު އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގެ ތެރޭގައި ލިބުނު ކަމަށް ބެލެވޭ ޒަހަމްތަކެއް އޭނާގެ މޭމަތީގަ އާއި ބުރަކަށީގައި ވެސް ހުއްޓެވެ.

އެއް ކޮމެންޓް

  1. އެހެންވީމަ ތިއަ ބަންގާޅިންނަށް ގަވައިދާ ޚިލާފަށް އުޅެން ފާސް ދީފަ އޮތްގޮތަށް މީހުންމަރަން ވެސް ފާސް ދިނީމަ ނިމުނީނު

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close