ވައިގެ މަގުން ރާއްޖެ އެތެރެވި އެމެރިކާގެ ރައްޔިތެއްގެ ލަގެޖު ބަލައި ފާސްކުރިއިރު ވަޒަން އަޅާފައި ހުރި މެގަޒިނެއް ފެނުމާ ގުޅިގެން، އޭނާ ހައްޔަރުކޮށް ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ އެމެރިކާ ރައްޔިތެއް ކަމަށްވާ ކޮބޯލް ބްރިޓެއިން ޓައިލަރ އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ 2026 އޮގަސްޓު 24 ވީ ހޯމަ ދުވަހުއެވެ.
އޭނާގެ ލަގެޖު ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު ވަޒަން އެޅި މެގަޒިނެއް ފެނުމުން ފުލުހުންނާ ހަވާލުކޮށްފައިވާއިރު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު މަރުހަލާއަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ބުނާގޮތުން، ކަމާބެހޭ އިދާރާތަކުގެ ހުއްދައަކާ ނުލައި ހަތިޔާރާއި ވަޒަން އަދި ގޮވާތަކެތި ރާއްޖެ އެތެރެކުރުމަކީ މަނާ އަދި ޖިނާއީ ބޮޑު ކުށެކެވެ. މީގެ ކުރިންވެސް ބައެއް ގައުމުތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން މިފަދަ ވަޒަނާއި ހަތިޔާރުގެ ބައިތައް ފެނިގެން ހިފަހައްޓައި ފިޔަވަޅު އަޅާފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...