ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީ މަރުހަލާއިން ފާސްކުރުމަށްފަހު، އެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި މިއަދު ބަހުސް ފަށައިފިއެވެ.
މި ބަޖެޓަކީ މިހާރުގެ އިޤްތިޞާދީ ހާލަތަށް އެންމެ އެކަށޭނަ ބަޖެޓު ކަމަށް ބަޖެޓް ކޮމިޓީން ވަނީ ނިންމާފައެވެ.
މަޖިލީހުގެ ތަޅުމަށް ރިޕޯޓް ހުށަހަޅުއްވަމުން ކޮމިޓީގެ ނައިބު މުޤައްރިރު، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދު ވިދާޅުވީ، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކާއި، މަރުކަޒީ ބޭންކު (އެމްއެމްއޭ) އަދި އޮޑިޓަރ ޖެނެރަލްގެ އޮފީހާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވުނު ކަމަށެވެ. އަދި ބަޖެޓުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބަސް ހޯދައި، ރާއްޖެއާއި ދުނިޔޭގެ މާލީ މާހައުލަށް ބަލާއިރު މިއީ އެންމެ ފުރިހަމަ ބަޖެޓު ކަމަށް ކޮމިޓީއަށް އިއްތިފާގުވެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ބަޖެޓު އޮތްގޮތަށް ފާސްކުރުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ 43.2 ބިލިއަން ރުފިޔާއަކީ ހާސިލުކުރެވޭނެ އަދަދެކެވެ. މީގެ އިތުރުން ދަޢުލަތުގެ އޮފީސްތަކުގެ ޚަރަދުތަކާއި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ބަދަލަކާ ނުލައި ފާސްކުރަން ހުށަހެޅުއްވިއެވެ. މި ހުށަހެޅުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޒަމީރު ތާއީދުކުރެއްވިއިރު، ކޮމިޓީން މި ރިޕޯޓް ފާސްކުރީ 10 މެންބަރުންގެ ވޯޓުންނެވެ.
މިނިވަން މުއައްސަސާތަކުގެ ބަޖެޓުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޮމިޓީން ފާހަގަކުރީ، އެއްވެސް މުއައްސަސާއެއްގެ ޤާނޫނީ ވާޖިބު އަދާކުރުމަށް ދަތިވެއްޖެ ހާލަތެއްގައި، ކޮންޓިންޖެންސީ ބަޖެޓުން ފައިސާ ހަމަޖައްސައިދެއްވާނެ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓަރު ދެއްވާފައިވާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން) ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ ރިޔާސަތުގައި ކުރިއަށްދާ މަޖިލީހުގެ މި ދައުރުގައި، ސަރުކާރުގެ މާލީ ސިޔާސަތުތައް ތަންފީޒުކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކޮމިޓީ މަރުހަލާގައި ބަޖެޓަށް ބަދަލެއް ނުގެނައި ނަމަވެސް، މަޖިލިސް ތަޅުމުން ބަޖެޓަށް އިސްލާހުތަކެއް ހުށަހެޅި، ފުޅާ ބަހުސެއް މިހާރު ވަނީ ފެށިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...