ޚަބަރު

ކުރީ ސަރުކާރުތަކުން ވިލިމާލެއަށް ކޮށްނުދީހުރި ކަންތައްތައް ކޮށްދޭނަން: ރައީސް

ކުރީ ސަރުކާރުތަކުން ވިލިމާލެއަށް އިހުމާލުވެ، ނުކޮށްދެވުނު ކަންތައްތައް އެމަނިކުފާނުގެ ސަރުކާރުން އެރަށަށް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ވިލިމާލެއަށް ވަޑައިގެން ރޭ ވިލިމާލެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، ވިލިމާލެއަށް އިހުމާލު ކޮށްލެވިފައި އޮންނަން ޖެހޭނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި، މާލޭ ސިޓީގެ އެއްބައިގެ ގޮތުގައި އޮންނަ ވިލިމާލެއަށް ތަރައްޤީ އަންނަން ޖެހޭނީ މާލޭގެ އެހެން އަވަށްތަކާ އެއްވަރަކަށް ކަމަށެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މޭޔަރުކަމުގައި ހުންނެވި އިރު ކުރެއްވުނު ވަރަކަށް މަސައްކަތް ކުރެއްވި ނަމަވެސް، މިހާރު ސަރުކާރު ތެރެއިން މާ ފުރިހަމައަށް ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ. ވިލިމާލެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުރިހަމައަށް ހަނދާން އެބަހުރި ކަމަށާއި، އެ ވައުދުތަކުގެ އިތުރަށްވެސް ގިނަ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވިލިމާލެއަށް އެންމެ މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތާއި މަގުހެދުމުގެ މަޝްރޫޢު މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މި ދެ މަޝްރޫއުވެސް ހަވާލުކޮށްފައި ވަނީ ޗައިނާ ކުންފުންޏަކާ ކަމަށާއި، ހޮސްޕިޓަލްގެ ފަންޑިންގެ ހުރިހާ ކަމެއް ހަމަޖެހި، މަސައްކަތް ރަނގަޅަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މުޅި މާލެ ސިޓީގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ވިލިމާލޭގެ މަގުތައް ހެދުމަށް ޗައިނާ ސަރުކާރުން ފަންޑު ހަމަޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close