ފުށިދިއްގަރު ފަޅުގައި ސަރުކާރުން ހިންގުމަށް ރާވާފައިވާ ރަސްމާލެ މަޝްރޫއަކީ ގައުމުގެ ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަމަށް ނުރައްކާ އޮތް މަޝްރޫއެއް ކަމަށް ވިދާޅުވެ، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފިއެވެ.
މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ފައިސަލް ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާއަށްވުރެ ބޮޑީ ލިބޭނެ ގެއްލުން ކަމަށެވެ.
މި ފަހުގެ ތާރީޚެއްގައި ދިވެހި ރައްޔިތުން މިހާ ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ދެކޮޅު ހެދި އެހެން ކަމެއް ފެނިފައި ނުވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ރައްޔިތުންގެ ނުރުހުމާއެކު އެފަދަ ބޮޑު މަޝްރޫއެއް ސަރުކާރަށް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ރަސްމާލެ މަޝްރޫއާ ދެކޮޅަށް ބާއްވާ ކޮންމެ އިހުތިޖާޖެއްގައި އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ފައިސަލް ވަނީ، ގައުމުގެ ހަމަޖެހުމާއި ދީނީ އެއްބައިވަންތަކަމަށް އަސަރުކުރާ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށާއި، މި ހަރަކާތްތަކުގައި ވީހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިވަޑައިގެންފައެވެ.
މިހާރު މި މަޝްރޫއު ހުއްޓާނުލައިފި ނަމަ، ކުރިއަށް އޮތް ތަނުގައި އުފެދޭ އެމްޑީޕީގެ ސަރުކާރެއްގައި އެ އެއްބަސްވުން ބާތިލްކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ނިންމާފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ވަނަ ދުވަހު މަގުމައްޗަށް ނުކުމެ މުޒާހަރާ ކުރުމަށް އިދިކޮޅު އެމްޑީޕީން ވަނީ ނިންމާފައެވެ.
ނަމަވެސް، އިދިކޮޅު ފަރާތްތަކުން ރިފަރެންޑަމަކަށް ގޮވާލަމުން ދިޔަ ނަމަވެސް، އެ މަޝްރޫއާ ގުޅިގެން އެފަދަ އާންމު ވޯޓެއް ނުނަންގަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...