ޚަބަރު މުސްކުޅިވަމުންދާ އާބާދީ: 2044 ގެ ކުރިން ފިޔަވަޅު ނާޅައިފި ނަމަ ރާއްޖެއަށް އޮތް ފުރުސަތު ގެއްލިދާނެ

މުސްކުޅިވަމުންދާ އާބާދީ: 2044 ގެ ކުރިން ފިޔަވަޅު ނާޅައިފި ނަމަ ރާއްޖެއަށް އޮތް ފުރުސަތު ގެއްލިދާނެ

މުސްކުޅިވަމުންދާ އާބާދީ: 2044 ގެ ކުރިން ފިޔަވަޅު ނާޅައިފި ނަމަ ރާއްޖެއަށް އޮތް ފުރުސަތު ގެއްލިދާނެ

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އާބާދީ ހަލުވި މިނެއްގައި މުސްކުޅިވަމުންދާތީ، 2044 ވަނަ އަހަރުގެ ކުރިން އިގްތިސާދީ އަދި އިޖުތިމާއީ މުހިންމު އިސްލާހުތަކެއް ނުގެނެސްފި ނަމަ، ތަނަވަސް ގައުމަކަށް ވުމަށް ރާއްޖެއަށް ލިބިފައިވާ ހަނި ފުރުސަތު ގެއްލިދާނެ ކަމުގެ އިންޒާރު ވޯލްޑް ބޭންކުން ދީފި އެވެ.

ވޯލްޑް ބޭންކުން މި މަހު އާންމުކުރި "ޑެމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ: ފްރޮމް ޓެއިލްވިންޑްސް ޓު ހެޑްވިންޑްސް ފޯ ޑިވެލޮޕްމަންޓް" ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ އަޅާބަލާއިރު އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމެއްގެ ދަރަޖައަށް ވާސިލުވުމުގެ ގާބިލުކަން އޮތީ ހަމައެކަނި ރާއްޖެއަށެވެ. ނަމަވެސް، އާބާދީއަށް އަންނަ މި ބަދަލު އިންތިހާއަށް ހަލުވިކަމުން، ވަގުތު ފާއިތުވުމުގެ ކުރިން ރާއްޖެއިން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދެކުނު އޭޝިއާގެ އެވްރެޖް ގައުމެއް، މުސްކުޅިވަމުންދާ އާބާދީއަކުން މުސްކުޅި އާބާދީއަކަށް ބަދަލުވުމަށް 25 އަހަރު ހޭދަވާއިރު، ތަރައްގީވަމުން އަންނަ އެހެން ގައުމުތަކުގައި މިކަމަށް 32 އަހަރު އަދި ކުރިއަރާފައިވާ ގައުމުތަކުގައި 46 އަހަރު ނަގާފައިވެ އެވެ. އެހެންނަމަވެސް ރާއްޖޭގައި މި ބަދަލު އަންނާނީ އެންމެ 13 އަހަރުގެ ތެރޭގަ އެވެ.

މި ބަދަލާއެކު ރާއްޖޭގެ އާބާދީގެ ހަތް ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ވެ، "މުސްކުޅިވަމުންދާ އާބާދީއެއް" ގެ ދަރަޖައަށް ރާއްޖެ ބަދަލުވާނެ އެވެ. އަދި މަސައްކަތްކުރާ އުމުރުގެ ނުވަތަ 15 އަހަރާއި 64 އަހަރާ ދެމެދުގެ އާބާދީގެ ނިސްބަތް އެންމެ މައްޗަށް ދިއުމަށްފަހު، 2033 ވަނަ އަހަރުގެ ފަހުން މަސައްކަތްކުރާ މީހުންގެ ނިސްބަތް ދަށްވާން ފަށާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

އާބާދީގެ 14 ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުންނަށް ވެ، 2044 ވަނަ އަހަރު ރާއްޖެއަކީ "މުސްކުޅި އާބާދީއެއް" އޮތް ގައުމަކަށް ބަދަލުވާއިރު، 2050 ވަނަ އަހަރާ ހަމައަށް ދާއިރު މި ނިސްބަތް 20 ޕަސެންޓަށް ވުރެ މައްޗަށް އަރާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ މިހާރު ވެސް މާ މަތީގައި ހުރިއިރު، 2013 އިން 2023 އަށް އިގްތިސާދު ކުރިއެރި ދުވެލީގައި ހިފެހެއްޓިއްޖެ ނަމަ 2044 ގައި ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ 25،000 ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާކުރެ އެވެ. މިއާ ހިލާފަށް އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކުގެ އާބާދީ މުސްކުޅިވާއިރު އެ ގައުމުތަކުގެ ބޮލަކަށް ޖެހޭ އާމްދަނީ ހުންނާނީ ވަރަށް ދަށުގައި ކަމަށާއި، 2030 ގައި މުސްކުޅި އާބާދީއަކަށް ބަދަލުވާ ސްރީ ލަންކާ އޮތީ މާލީ ބޮޑު ކާރިސާއެއްގެ ތެރޭގައި ކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ދައުލަތުގެ ހަރަދުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އާބާދީ މުސްކުޅިވުމުން ސިއްހީ ހިދުމަތްތަކަށާއި އިޖުތިމާއީ ރައްކާތެރިކަމަށް ކުރަންޖެހޭ ހަރަދުތައް އިންތިހާއަށް އިތުރުވެ، ރާއްޖެއަށް އޮތް އިގްތިސާދީ ފުރުސަތު ގެއްލުމުގެ ބިރު އެބައޮތް ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

އެހެންކަމުން، ރާއްޖޭގައި އުފަންވާ ކުއްޖެއްގެ އެވްރެޖް އުމުރު 80 އަހަރާ ގާތްކުރާއިރު ފުރިހަމަ ސިއްހަތެއްގައި ހޭދަކުރެވެނީ 70 ވަރަކަށް އަހަރު ކަމަށްވާތީ، ހޮސްޕިޓަލްތަކަށް ބަރޯސާވުން ކުޑަކޮށް ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަނެވޭނެ ޕްރައިމަރީ ހެލްތު ކެއާ ނިޒާމެއް ގާއިމުކުރުމަށާއި، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާނެ ތަމްރީނު ލިބިފައިވާ މީހުން އުފެއްދުމަށް ރިޕޯޓުގައި ލަފާދީފައިވެ އެވެ.

މީގެ އިތުރުން، މަސައްކަތްކުރާ އުމުރުގެ އާބާދީ ދަށްވާން ފަށާނެތީ އަންހެނުން ވަޒީފާއަށް ނުކުތުމަށް ހުރި ހުރަސްތައް ނައްތާލުމާއި، އުމުރުން ދުވަސްވާ މީހުންނަށް އާ ހުނަރުތައް ދަސްކޮށްދީގެން ގިނަ ދުވަހު މަސައްކަތުގައި އުޅެވޭނެ މަގު ފަހިކުރަން ޖެހޭ ކަމަށް ބުނެފައިވެ އެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ސަރަހައްދުގެ ޒުވާނުންނަށް ހުރި އާދައިގެ ވަޒީފާތައް 24 ޕަސެންޓް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައި، ޒުވާނުންނަށް ޒަމާނީ ހުނަރުތައް ދަސްކޮށްދިނުމާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް މާލީ އެހީތެރިކަން ފުޅާކުރުމަށް ވެސް ވޯލްޑް ބޭންކުން އިރުޝާދު ދީފައިވެ އެވެ.

ހަމައެއާއެކު، ކުރިއަށް އޮތް ތަނުގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑުވާއިރު ޕެންޝަން ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބާރުއަޅާފަ އެވެ.

ޓެގް

ވޯލްޑް ބޭންކް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.