އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުން އާ މަޝްރޫޢުތައް ފެށުމުގެ ފުރުޞަތު ވަރަށް ބޮޑަށް ހަނިވާނެ ކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށި ނުނިމި ހުރި މަސައްކަތްތައް ނިންމުން ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، މިދިޔަ އަހަރަށް ވުރެ ކުޑަ ބަޖެޓެއް އެކުލަވާލާފައިވަނީ ފަށާފައިވާ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށް ގެންގޮސް ނިންމުމުގެ މަޤްޞަދުގައެވެ. އަދި މިގޮތަށް މެދުކެނޑިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް އެއްކައިރިކޮށް، މި ސަރުކާރުގެ އަމިއްލަ އާ އެޖެންޑާއަކަށް ދިއުމުގެ ފުރުޞަތު އޮތް ނަމަވެސް އެގޮތަށް ޢަމަލުނުކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެއީ ކުރީ ސަރުކާރުން ފެށި ކަމެއް ކަމުގައި ވިޔަސް، ދަޢުލަތުގެ ޚަރަދު ހިނގާފައިވާ އެއްވެސް ޕްރޮޖެކްޓެއް "ދޮންދަރި" ނުކޮށް، ސަރުކާރުގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް މުއްޠަލިބް ފާހަގަކުރެއްވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...