ޚަބަރު ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ބަދަލެއް ނުގެނެސް، އަންނަ އަހަރުގެ ބަޖެޓު މަޖިލީހުން ފާސްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓް، އެއްވެސް އިސްލާހަކާ ނުލައި ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ބަޖެޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ވަނީ މި ބަޖެޓާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

މާލީ ވަޒީރު ޙަސަން ޒަރީރު މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރެއިން މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ 70 އިންސައްތަ އަންނަ އަހަރު ނިންމުމަށް އަމާޒުހިފައިގެން އެކުލަވައިލި ބަޖެޓެއް ކަމަށެވެ. މިއަހަރުގެ 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅައިބަލާއިރު، އަންނަ އަހަރުގެ ބަޖެޓަކީ 7 އިންސައްތައިގެ ކުޑަވުމެކެވެ.

އަންނަ އަހަރު ދައުލަތަށް ޖުމްލަ 43.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ތެރޭގައި ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކުރާ 33.6 ބިލިއަން ރުފިޔާ އާއި، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބެލެވޭ 9.1 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި ލަފާކުރާ 349.3 މިލިއަން ރުފިޔާ ހިމެނެއެވެ.

ދައުލަތުގެ ޖުމްލަ ޚަރަދަކީ 52.6 ބިލިއަން ރުފިޔާއެވެ. ރިކަރަންޓް ޚަރަދަށް 42.7 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ތަރައްގީގެ ކަންކަމަށް ކުރާ ކެޕިޓަލް ޚަރަދު ވަނީ 9.8 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. މިއަހަރު އެހެނިހެން ހޭދަތަކަށް 14.8 ބިލިއަން ރުފިޔާ ހިނގި ނަމަވެސް، އަންނަ އަހަރު އެ އަދަދު 7.1 ބިލިއަން ރުފިޔާއަށް ކުޑަކުރަން ވަނީ ރާވާފައެވެ. މި ބަޖެޓުގެ ޖުމްލަ ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާއެވެ.

ބަޖެޓް ދިރާސާކުރި މަރުހަލާގައި މަރުކަޒީ ބޭންކުގެ ގަވަރުނަރާއި އޮޑިޓަރ ޖެނެރަލް ވަނީ ބަޖެޓުގައި މާލީ ބޮޑެތި ރިސްކުތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި މިނިވަން މުއައްސަސާތަކަށް ކަނޑައަޅާފައިވާ ފައިސާ މަދުވެގެން އެ ފަރާތްތަކުން ޝަކުވާ ހުށަހެޅި ނަމަވެސް، ކޮމިޓީން ނިންމީ ސަރުކާރުން ފޮނުވި ގޮތަށް ބަޖެޓު ފާސްކުރުމަށެވެ.

މަޖިލީހުގެ ތަޅުމުގައި އިދިކޮޅު އެމްޑީޕީން 21 އިސްލާހެއް ހުށަހެޅި ނަމަވެސް، ގަވާއިދަށް ފެތޭތީ ބަހުސްކޮށް ވޯޓަށް އެހުނީ އެންމެ ހަތް އިސްލާހަކަށެވެ. އަދި އެއިން އެއްވެސް އިސްލާހެއް ފާސްނުވެ، ސަރުކާރުން އެދިފައިވާ އަސްލު ބަޖެޓު މަޖިލީހުގެ ތަޅުމުން ފާސްވެގެން ދިޔައީއެވެ.

ޓެގް

ބަޖެޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.