ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެކި ގޮތްގޮތުން އޮޅުވާލައިގެން ފައިސާ ހޯދި 28 މައްސަލައެއް ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށާއި، މި ހާދިސާތަކުގައި އާންމުންގެ އަތުން 297،488 ރުފިޔާ ގެއްލިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ނަމަވެސް، ކަމާގުޅުންހުރި އިދާރާތަކާއި ބޭންކުތަކާ ގުޅިގެން ކުރެވުނު މަސައްކަތުން، ގެއްލުނު ފައިސާގެ 58.5 އިންސައްތަ (187،894 ރުފިޔާ) މިހާރު ވަނީ އަނބުރާ ހޯދައިދެވިފައިކަމަށް އެ އިދާރާޢިން ބުންޏެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް އަދި ބޭރު ފައިސާ މާރުކުރުމުގެ މައްސަލަތަކެވެ. މި ދެ ބާވަތުން ކުރެ ކޮންމެ ބާވަތަކުން 9 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ބުކިންގ ކެންސަލްކޮށް ރިފަންޑް ހޯދުމުގެ 4 މައްސަލައަކާއި، މަކަރާއި ހީލަތުން އެހެން މީހެއްގެ ނަމުގައި އެކައުންޓް ބޭނުންކުރި 3 މައްސަލައެއްގެ އިތުރުން، ހުއްދަނެތި މުއާމަލާތް ހިންގި 2 މައްސަލައަކާއި އިންވެސްޓްމަންޓް ސްކޭމެއްގެ މައްސަލަވެސް ހިމެނެއެވެ.
ސްކޭމަރުން އާންމުންގެ އަތުން ފައިސާ އަތުލުމަށް ވައިބަރ، ފޭސްބުކް މާކެޓްޕްލޭސް، ޓިކްޓޮކް، އަދި އައިބޭ ފަދަ ޕްލެޓްފޯމުތަކުގެ އިތުރުން ފިޝިންގ ލިންކުތަކާއި ފޯނު ކޯލްތައް ބޭނުންކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ޚާއްޞަކޮށް ވައިބަރ އެކައުންޓުތަކުގެ އޯޓީޕީ (OTP) ނުވަތަ ލޮގިން ކޯޑު ހޯދައިގެން އެކައުންޓް ކޮންޓްރޯލް ނެގުމަށްފަހު، އެ މީހާގެ ރައްޓެހިންނަށް މެސެޖުކޮށްގެން ފައިސާ ހޯދާ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.
މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، ކާކުކަން ކަށަވަރުނުވާ ފަރާތްތަކަށް އަދި ސައްޙަކަން ޔަޤީންނުވާ މެސެޖުތަކަށް އިޖާބަދީ ފައިސާ ނުފޮނުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާނުކުރުމަށާއި، ބޭރު ފައިސާ މާރުކުރުމުގައި ޤާނޫނީ ހުއްދަ އޮންނަ ރަސްމީ އެކްސްޗޭންޖުތައް އެކަނި ޚިޔާރުކުރުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...