އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް ފަރުހާދު ހަމަޖައްސައިފި

ދިވެހި ފުލުހުންގެ އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު ފިކުރީ ހަމަޖައްސައިފި އެވެ. މިގޮތައް ހަމަޖައްސަވާފައި މިވަނީ ޑެޕިއުޓީ ކޮމިޝަނަރުންގެ ގޮތުގައި ތިއްބެވި އަބްދުލްމަންނާން ޔޫސުފާއި އަލީ ރަޝީދު ފުލުހުންގެ ހިދުމަތުން މިއަދު ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހޯމް މިނިސްޓަރު އަލީ އިހުސާން ރާއްޖޭގެ ބައެއް މީޑިޔާތަކަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ޕޮލިސް ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަން ކުރެވެންދެން ފުލުހުންގެ އިދާރާ ވަގުތީ ގޮތުން ހިންގަވާނީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު އެވެ. މިނިސްޓަރު އަލީ އިހުސާން ވިދާޅުވެފައިވާ ގޮތުގައި އެކްޓިން ކޮމިޝަނަރަކަށް ފަރުހާދު ހަމަޖެއްސީ ޕޮލިސް ބޯޑުގެ ލަފާގެ މަތިން ނެވެ.
ހޯމް މިނިސްޓަރު އަލީ އިހުސާން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ވަރަށް އަވަހަށް ޕޮލިސް ކޮމިޝަނަރަކު ހަމަޖެހިގެންދާނެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނުނުގައިވާ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެ ނަމަ، އެ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި މަގާމަށް ބޭފުޅަކު އައްޔަންކުރަންޖެހެ އެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހެނީ ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް، ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.
ފުލުހުންގެ ހިދުމަތުގެ ގާނުނުގައިވާ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެކެވެ.
ޕޮލިސް ކޮމިޝަނަރުގެ މަޤާމު ހުސްވެފައި މިވަނީ މި މަހުގެ 17 އާ ހަމައަށް ވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މި މަހުގެ 15 ވަނަ ދުވަހު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.


