ޚަބަރު އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގުކުރައްވައިފި

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލް ތަސްދީގުކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް


ދިވެހިންގެ ނިވާފަތްގަނޑުގައި ތިބެ ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމުގެ މަޤްސަދުގައި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް އިބްރާާހިމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީގުކުރައްވައިފިއެވެ.

މިއީ ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީއަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިތަކަށް މިހާރު ހުޅުވިފައިވާ ފުރުސަތު ހަނިކޮށް އެކުލަވައިލައްވާފައިވާ ބިލެކެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ މިބިލަކީ 29 ނޮވެމްބަރުގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލެކެވެ.

ރައީސް އިބްރާާހިމް މުޙައްމަދު ޞާލިޙް މިއަދު މި ބިލް ތަސްދީގުކުރެއްވުމުން މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވިފައެވެ.

މި ޤާނޫނުގެ ބައެއް މާއްދާތައް އުނިކޮށްފައިވާއިރު, ގެނައި އިސްލާހުތަކުގެތެރޭގައި އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީ ކޮށްދެވޭނީ 10 ދިހަ އަހަރު ދުވަހުގެ މުއްދަތަށްކަމަށް ވަނީ ކަނޑައަޅާފައެވެ.

އަދި މި ޤާނޫނުގެ ދަށުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކޮށްފައިވާ މުއްދަތު ހަމަވުމަށްފަހުގައި ވެސް އެ ވިޔަފާރި ކުރިއަށް ގެންދަން އެދޭ ފަރާތްތަކުން އެ މުއްދަތު ހަމަވުމުގެ ކުރިންއެއް އަހަރު ދުވަހުގެތެރޭގައި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެ ވިޔަފާރީގެ ރަޖިސްޓަރީ އާކުރުމަށް އެދި ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވެެއެވެ.

ހަމައެހެންމެ އަމިއްލަ ވިޔަފާރިއެއްގެ ރަޖިސްޓަރީ އައު ކުރުމަށް އެދި ހުށަހަޅައިފިނަމަ, އެ ވިޔަފާރިއެއްގެ ރަޖިސްޓަރީ އިތުރު
10 އަހަރު ދުވަހުގެ މުއްދަތަށް އާކޮށްދޭންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެެއެވެ.

މީގެ އިތުރުން ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއްކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާރަށް ޤަބޫލުކުރެވިއްޖެނަމަ ފިޔަވަޅު އެޅޭނެއެވެ.

މި ޤާނޫނާއި ޚިލާފު ޢަމަލެއްކޮށްފި މީހަކު އޭނާ ހިންގި ޢަމަލެއްގެ ކުޑަ ބޮޑު މިނަށް ބަލައި 1000 ރުފިޔާއާއި, 100,000 ރުފިޔާއާއި ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ރަޖިސްޓްރާރަށް ލިބިގެންވެއެވެ.

ޓެގް

ޤާނޫނު ވިޔަފާރި ރައީސްއިބްރާހިމްމުޙައްމަދުޞޯލިޙު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.