ޚަބަރު

ބަރުލަމާނީ ނިޒާމު ގެނައުމަށް އެމްއެންޕީގެ އެހީތެރިކަމަށް އެމްޑީޕީން އެދިއްޖެ

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާހު ގެނައުމަށް އެމްޑީޕީން، މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެހީއަށް އެދިއްޖެކަމަށް އެމްއެންޕީ އިން ބުނެފިއެވެ.

އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ ރައީސް، ރައީސް މުޙަންމަދު ނަޝީދުގެ ދައުވަތަކަށް އެ ޕާޓީގެ އިސްވެރިންނާއެކު މިއަދު މަޖިލީހުގައި ބެއްވި ބައްދަލުވުމާއި ގުޅިގެން މި ބައްދަލުވުމުގައި ދިވެހިރާއްޖެއަށް މިއަދު ދިމާވެފައިވާ މުހިންމު އެކިއެކި ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވި، އެކަންކަން އިސްލާހުކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމަށް ވާހަކަ ދެކެވުނުކަމަށެވެ.

ގުޅުންހުރި ލިޔުންތައް

އޭގެ އިތުރުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު އިސްލާހުތަކާ ގުޅޭގޮތުންވެސް ވާހަކަ ދެކެވުނުކަމަށެވެ. އެގޮތުން، ރައްޔިތުންގެ މެދުގައި ޖުޑީޝަރީއާމެދު އިތުބާރު އިތުރުކުރުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި، ވެރިކަން ކުރުމުގެ ނިޒާމްގައި ހުރި ދަތިތަކަށް ޙައްލެއް ހޯދުމަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ ގުޅޭގޮތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދާ ގުޅޭގޮތުންފަދަ މުހިންމު ކަންކަމާ ގުޅޭގޮތުން ވާހަކަ ދެކެވުުކަމަށެވެ.

މިކަންކަން ބަދަލުކުރުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މި ޕާޓީގެ އެހީތެރިކަމަށް އެމްޑީޕީގެ ފަރާތުން އެދިފައިވޭ.

– އެމްއެންޕީން ބުނެފައިވެއެވެ.

ގައުމުގެ މުސްތަގްބަލާ ގުޅޭ މިފަދަ މުހިންމު ނިންމުންތައް ނިންމުމުގެ ކުރިން މިކަންކަމާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ރައްޔިތުންގެ ހިޔާލު ހޯދުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެމްއެންޕީން ވަނީ ބުނެފައެވެ. އެހެންކަމުން، މި ކަންކަމާ ގުޅޭގޮތުން އެޕާޓީން ގޮތެއް ނިންމާނީ، ޕާޓީގެ ގައުމީ ހިންގާ ކައުންސިލްގައި މިކަމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، ޕާޓީގެ އާންމު މެންބަރުންނާއި ދިވެހި ރައްޔިތުން މިކަންކަމާ ގުޅޭގޮތުން ދެކޭގޮތް ސާފުކުރުމަށްފަހުއިކަމަށް ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close