ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ބައިވެރިއެއް: ރައީސް
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދާއެކު، ރާއްޖޭގެ އިގްތިސާދީ ދުވެލި މިހާރަށްވުރެ ހަލުވިވެގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އެފަދައިން ވިދާޅުވީ ރާއްޖެއާ ޗައިނާއިން ސިޔާސީ ގުޅުން ގާއިމްކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމާއި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 73 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އައުން މެދުކެނޑުނު ފަހުން އަދި އަދަށް ދާން ވެސް ޗައިނާގެ ފަތުރުވެރިންނެއް ރާއްޖެއެއް ނާދެއެވެ. ނަމަވެސް ޗައިނާއާ ރާއްޖެއާ އަލުން ފްލައިޓްތައް ބާއްވަން މިހާރު ދަނީ މަޝްވަރާތައް ކުރަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ މި ދަނޑިވަޅަކީ ކޮވިޑަށް ފަހު ރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވަމުން އަންނަ ދަނޑިވަޅު ކަމަށެވެ.
“ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު، ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދާއެކު، ރާއްޖޭގެ އިގްތިސާދީ ދުވެލި މިހާރަށްވުރެ ހަލުވިވެގެންދާނެ” ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް މުހިންމު ބައިވެރިއެއް ކަމަށާއި އަދި ރާއްޖެ ތަރައްގީއަށް ކުރާ ދަތުރުގައި ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އޮންނަ ގާތް ގުޅުމަކީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ދައްކުވައިދޭ މުހިންމު ގުޅުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސް ސޯލިހު ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ، ވަން ޗައިނާ ޕްރިންސިޕަލްއާއި ދެގައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމުގެ މައްޗަށް ކަމަށާއި، އެހެން ގައުމުތަކުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމަށް ރާއްޖެއިން އަބަދުވެސް އިހުތިރާމް ކުރާކ ކަމަށް ވިދާޅުވިއެވެ.


