އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ނޮޓިންހަމް ފޮރެސްޓް އަތުން 2-2 އިން އެއްވަރުވެ، އަމިއްލަ ދަނޑުގައި މޮޅެއް ހޯދުމަށް ލިވަޕޫލުން ކުރަމުންދިޔަ އިންތިޒާރު އަނެއްކާވެސް ވަނީ ދިގުލައިގެން ގޮސްފައެވެ.
މިއީ މިފަހަރުގެ ލީގުގައި ލިވަޕޫލުން ކުޅުނު ފުރަތަމަ ދެ މެޗުންވެސް އެއްވަރުވި ފަހަރެވެ. މީގެ ކުރިން ނިއުކާސަލްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗުވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
މެޗުގެ ކުރީކޮޅު ފޮރެސްޓުން ވަނީ ވަރުގަދައަށް ޕްރެސްކޮށް، ލިވަޕޫލަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން ލިބުނު ފުރުސަތުތަކުގެ ބޭނުންހިފާ، މޯގަން ގިބްސް-ވައިޓް ތަނަވަސްކޮށްދިން ބޯޅައަކުން މެޗުގެ 24 ވަނަ މިނެޓުގައި ޑޭން އެންޑޯއީ ވަނީ ފޮރެސްޓަށް ލީޑު ނަގައިދީފައެވެ.
ފުރަތަމަ ހާފުގައި ފްލޯރިއަން ވާޓްސް ލިވަޕޫލަށް ގޯލެއް ޖަހައިދިން ނަމަވެސް، އެ ބޯޅަ ތަނަވަސްކުރުމުގައި ޖެރަމީ ފްރިމްޕޮންގް އޮފްސައިޑްގައި ހުރުމުން ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމާފައެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ ކޯޑީ ގަކްޕޯ ތަނަވަސްކުރި ފުރުސަތެއްގައި އެލެކްސެންޑާ އިސާކް ވަނީ ގޯލެއް ޖަހައި ލިވަޕޫލަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ، ފޮރެސްޓްގެ ފޯވަޑް ލިއަމް ޑެލަޕަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ގިބްސް-ވައިޓް ވަނީ އަލުން ފޮރެސްޓަށް ލީޑު ނަގައިދީފައެވެ.
ލިވަޕޫލުން މެޗުގެ ނަތީޖާ އަނެއްކާވެސް ހަމަހަމަކޮށް، ޕޮއިންޓެއް ސަލާމަތްކުރީ 82 ވަނަ މިނެޓުގައި ވިކްޓޯ މުނޯޒް ކާމިޔާބުކޮށްދިން ގޯލުންނެވެ.
މިއީ ވޭތުވެދިޔަ 14 އަހަރުގެ ތެރޭގައި ލީގުގެ ފުރަތަމަ ދެ މެޗުން މޮޅެއް ނުލިބި ލިވަޕޫލް ސީޒަން ފަށަންޖެހުނު ފުރަތަމަ ފަހަރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...