ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައި، މި މަހުގެ 29 ވާ އާދީއްތަ ދުވަހު ހުކުމް އިއްވަން ކްރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ.
މައްސަލައިގެ ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ، މިއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްފައިވާ ދައުވާއެއް ނޫން ކަމަށެވެ. އަދި ދައުލަތުން މައިގަނޑު ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަކީ ލުއިތަކެއް ހޯދުމަށް ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުން ހަދާފައިވާ ބަޔަކަށް ވާތީ، އެ ދެ ބޭފުޅުންގެ ހެކިބަހުގެ އިތުބާރާމެދު އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.
ރައީސް ޔާމީންގެ ދިފާއީ ޓީމުން ކޯޓުގައި ބުނީ، މިއީ އެމަނިކުފާނު ސިޔާސީ މަސްރަހުން އެކަހެރިކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ސިޔާސީ ދައުވާއެއް ކަމަށެވެ. އަދީބާއި ޒިޔަތު ޚިޔާނާތް ހިންގި ކަމަށް އަމިއްލައަށް އިއުތިރާފުވާއިރު، އެ އަމަލުތަކާ ރައީސް ޔާމީނާ ގުޅުވައިދޭނެ އެއްވެސް މިނިވަން އަދި ގާނޫނީ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވަކީލުން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ވަކީލުން ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައިގައި ރިޝްވަތުގައި މެދުވެރިއަކަށްވި ކަމަށް ތުހުމަތުކުރެވުނު ކްރިކް ރިޒާގެ ދައުވާ އަނބުރާ ގެންދިއުމާއި، ފައިސާ ދައުރުވި ކަމަށް ބުނާ ސަންގެ ކުންފުނިތައް ކޯޓުން ސަލާމަތްވުމުން ވެސް އެ މައްސަލަ އިސްތިއުނާފު ނުކޮށް ދޫކޮށްލުމަކީ ދައުލަތުގެ ނިޔަތާމެދު ސުވާލު އުފެދޭ ކަމެކެވެ. އެހެން ހުރިހާ ފަރާތްތަކެއް ދޫކޮށްލުމަށްފަހު ހަމައެކަނި ރައީސް ޔާމީންގެ މައްސަލަ ކުރިއަށް ގެންދިއުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް ދިފާއުން ބުންޏެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...