މުދާ ގަންނަ ފަރާތްތަކަށް ސާފުކޮށް އަގު އެނގެން ނުހުންނަ ގޮތަށް ވިއްކަން ބަހައްޓާފައި ހުންނަ ތަކެތީގައި އަގު ނުޖަހައި ވިޔަފާރިކުރާ ނަމަ އެފަދަ ފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ދީފިއެވެ.
އެ ވުޒާރާއިން މިގޮތަށް އެންގެވީ ވިޔަފާރި ކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި، މުދާ ގަންނަ ފަރާތްތަކަށް ސާފުކޮށް އެނގޭނޭހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުންދާތީއެވެ. އެގޮތުން، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ ފަރާތަށް ސާފުކޮށް އެނގޭގޮތަށް މެނުވީ، އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ.
ޤާނޫނުގައިވާ ގޮތުން މުދަލުގައި އަގު ޖެހިކަމަށް ބެލެވޭނީ ދެ ގޮތަކުންކުރެ ގޮތަކަށް ސާފުކޮށް އަގު އެނގެން ހުރުމުންނެވެ. އެއީ މުދަލުގެ އަގު ސީދާ އެ މުދަލެއްގައި ލިޔެ، ޕްރިންޓްކޮށް ނުވަތަ ހަރުކޮށްފައި ހުރުން، ނުވަތަ އެ މުދަލެއް ބަހައްޓާފައި ހުރި ތަނެއްގައި މުދަލުގެ އަގު ލިޔެފައި ނުވަތަ ހަރުކޮށްފައި ހުރުމާއެކު، އެއީ ކޮން މުދަލެއްގެ އަގެއްކަން ސާފުކޮށް އެނގޭގޮތަށް ހުރުމެވެ.
އެހެންކަމުން މުދާ ވިއްކާ އެންމެހައި ފަރާތްތަކުން، ވިއްކަން ބަހައްޓާފައިވާ މުދަލުގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
މި މިންގަނޑުތަކާ އެއްގޮތަށް ވިޔަފާރިތަކުން ޢަމަލުކުރޭތޯ ބެލުމުގެ ގޮތުން، މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ތަންތަން އިންސްޕެކްޓްކޮށް މޮނިޓަރކުރަމުން ދާނެ ކަމަށް އިޤްތިޞާދީ ވުޒާރާއިން ބުނެއެވެ. އަދި ޤާނޫނާ ޚިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާމެދު އެ ޤާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށްވެސް ހާމަކޮށްފައިވެއެވެ.
މިކަން ހާމަކޮށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިޢުލާން ކުރައްވާފައިވަނީ (IUL)101-AS/101/2026/29 ނަންބަރު އިޢުލާނުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...