މުހައްމަދު އަޒްހާންގެ ޖަނާޒާ މިއަދުގެ ހުކުރު ނަމާދަށް ފަހު ބާއްވައިފި
މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާންގެ ޖަނާޒާ މިއަދުގެ ހުކުރު ނަމާދަށް ފަހު ބާއްވައިފިއެވެ.
ހުޅުމާލޭން މަރުވެ ކުނިވެފައި އޮތް މީހަކު ފެނިގެން، އެކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައި ވަނީ ފެނިފައި ވަނީ މުޙައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ ކަމަށެވެ. އެކަން ޔަގީންކުރުމަށް ހަށިގަނޑު ޕޯސްޓް މޯޓަމް ހެދުމަށް އިންޑިޔާ ފޮނުވާފައިވަނީ މިމަހުގެ 08 ވަނަ ދުވަހުއެވެ.
ބުރާސްފަތި ދުވަހު (އިއްޔެ) ފުލުހުން ބުނީ، ޕޯސްޓްމޯޓަމް ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ނަމަވެސް ރާއްޖޭގައި މަރުވާ މީހުންގެ މަޢުލޫމާތު ގެނެސްދޭ “ކަށުނަމާދު ޕޭޖުން” ވަނީ އަޒުހާންގެ ފޮޓޯއާއެކު އޭނާގެ ކަށުނަމާދުގެ މަޢުމާތު އިއްޔެ އާންމުކޮށްފައެވެ.
އަޒުހާން ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި މަރުވެ، ކުނިވެފައިވާ ހަށިގަނޑެއް ފެނިފައިވަނީ ހުޅުމާލޭގައި ހުންނަ ވޯޓަރ ތީމް ޕާކް ކުރިމަތީގައި އޮންނަ ހުސްބިމުންނެވެ.
އަދި އަޒުހާންގެ ފޯނު މިހާރު ފެނިފައިވާއިރު، އޭނާ މަރާލާފައިވާކަމަށް ބެލެވޭނެ އެއްވެސް އެއްކެއް ނުވަތަ ގަރީނާއެއް މި މައްސަލައިގެ ތަހުގީގަށް މިހާތަނަށް އަދި ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލާގައި ފުލުހުން އާންމުކުރި މައުލޫމާތަށް ބަލާއިރު، ހުޅުމާލޭގެ ވޯޓާ ތީމް ޕާކު ކައިރީގައި އޮންނަ ހުސް ބިމުން ފެނުނު ހަށިގަނޑު އޮތީ ވަރަށް ބޮޑަށް ކުނި ވެފައެވެ. އެއީ އަޒުހާންގެ ހަށިގަނޑު ކަމަށް ވުމުގެ ފުރުސަތު އެބަ އޮތް ކަމަށް ފުލުުހުން ވަނީ ބުނެފައެވެ.
އަދި ފުލުހުން އެސަރަހައްދު ބަލަން ފަށާފައިވަނީ އަޒުހާން ގެއްލުމާއި ގުޅިގެން ފުލުހުން ކުރި މަސައްކަތުން ލިބުނު ސީސީޓީވީ ފުޓޫޖްތަކާއި ލިބުނު މައުލޫމާތުތަކަށް ބަލައިގެން ކަމަށް ބުނެފައިވެއެވެ. އަދި މީގެކުރިންވެސް އެސަރަހައްދު ބެލި ކަމަށާއި، އެހެންނަމަވެސް ހަށިގަނޑު ފެނުނު ސަރަހައްދާވީފަޅި އޭރު ނުބަލާ ކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.
މެރާކީ ކެފޭގައި ބަރިސްޓާއެއްގެ ގޮތުގައި މަސައްކަތް ކުރި އުމުރުން 27 އަހަރުގެ އަޒުހާން ދިރިއުޅެމުން އައީ ހިޔާ ޓަވަރުގެ ފްލެޓެއްގައި އާއިލާއާ އެކުގައެވެ.
