ޚަބަރު

މިއަހަރުގެ މިހާތަނަށް 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފި

މިއަހަރުގެ މިހާތަނަށް 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،245،489 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، 35.5 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ، 919.182 ފަތުރުވެރިންނެވެ.

ދުވާލެެއްގެ މައްޗަށް މިހާރު ރާއްޖެއަށް 4،370 ފަތުރުވެރިން ޒިޔާރަތްކުރާއިރު، މިދިޔަ މަހުގައި މި އަދަދު ހުރީ 4،572 ގައެވެ.

މީގެއިތުރުން، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މާޗް މަހުގައެވެ. އެމަހު ރާއްޖެއަށް 150،748 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ފެބްރުއަރީ މަހުގައެވެ. އެމަހު 149،008 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް 176،631 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ 14.2 އިންސައްތައެެވެ.

ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން 151،355 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިން ވަނާގައި އޮތް އިނގިރޭސިވިލާތުން 135،454 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މީގެއިތުރުން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގައި ދެން ހިމެނެނީ، ޖަރުމަނުވިލާތް، އިޓަލީ، އެމެރިކާ، ފްރާންސް، ސްޕެއިން، ސައުދީ އަރަބިއްޔާގެ އިތުރުން ސްވިޒަލޭންޑެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދިނުމަށް 1،195 ތަނަކަށް ހުއްދަދީފައިވާއިރު، މިހާރު ހިދުމަތްދެމުން އަންނަނީ މިތަނުން 1،191 ތަނަކުންނެވެ. އެއީ، 166 ރިސޯޓާއި، 870 ހޮޓަލުގެ އިތުރުން 155 ސަފާރީއެވެ. މިއީ 58،859 ބެޑް ކެޕޭސިޓީއެވެ. ބެޑް ކެޕޭސިޓީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ރިސޯޓްތަކުންނެވެ.

ރާއްޖެއަށް މިހާރު 24 އެއާލައިނަކުން ދަތުރުކުރެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރާފައިވާއިރު، ސަރުކާރުން އަންދާޒާކުރާގޮތުގައި މިއަހަރު 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close