ޚަބަރު ސްޓެލްކޯގެ ދަށަށް ފެނަކަ، އަދި އެމްޓީސީސީގެ ދަށަށް އާރްޑީސީ ގެންނަނީ

ސްޓެލްކޯގެ ދަށަށް ފެނަކަ، އަދި އެމްޓީސީސީގެ ދަށަށް އާރްޑީސީ ގެންނަނީ

ސްޓެލްކޯގެ ދަށަށް ފެނަކަ، އަދި އެމްޓީސީސީގެ ދަށަށް އާރްޑީސީ ގެންނަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އުވާލައި، އެ ކުންފުނިތަކުން ދެމުންދިޔަ ޚިދުމަތްތައް ސްޓެލްކޯއާއި އެމްޓީސީސީއަށް ބަދަލުކުރުމަށް ސަރުކާރުން ރަސްމީކޮށް ނިންމަވައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި ބަދަލު ގެންނަން ނިންމެވި ސަބަބުތައް ތަފްސީލުކޮށްދެއްވައި، މިއީ ގައުމުގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ހިންގުން ހަރުދަނާ ކުރުމަށް އެޅޭ ބާރަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ.

ފެނަކަ އުވާލުމަށްފަހު އެ ކުންފުނީގެ ދަށުން ރަށްރަށުގައި ދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް މުޅިން ބަދަލުކޮށްލާނީ ސްޓެލްކޯގެ ދަށަށެވެ. މީގެ ކުރިން އެ ކުންފުނި ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތަކުން ފެންނަން އޮތްއިރު، ފަންނީ މާހިރުންގެ ލަފަޔާ އެއްގޮތަށް ދެމެހެއްޓެނިވި ގޮތެއްގައި އެ ކުންފުނި ހިންގުމަކީ ދަތިކަމަކަށް ވާތީ، މުޅި ރާއްޖެއަށް ކަރަންޓާއި ނަރުދަމާގެ ހިދުމަތް އެއް ނިޒާމެއްގެ ތެރެއިން ސްޓެލްކޯ މެދުވެރިކޮށް ދިނުމަށް މިހާރު ވަނީ ނިންމާފައެވެ.

އާރްޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ނިންމީ ދެ ކުންފުނިން ވެސް އެއް މަސައްކަތްތަކެއް ކޮށް ވަސީލަތްތައް ފުށުއަރައި ދައުލަތަށް ބޮޑު ހަރަދެއް ހިނގާތީ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް މަގުހެދުމާއި އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެ ކުންފުނިން ވަކިން ހިންގުމުގެ ބަދަލުގައި، އެމްޓީސީސީގެ ތެރެއިން އެ މަސައްކަތްތައް ކުރިއަށް ގެންދިއުމުން ޚަރަދު ކުޑަވެ، އިދާރީ ގޮތުން ވަރަށް ބޮޑު އިފެޝެންސީއެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި އިސްލާހީ ބަދަލާއެކު ކުންފުނިތަކުގެ ސައިޒު ކުޑަކޮށް “ރައިޓްސައިޒް” ކުރުމުގެ ސިޔާސަތުގެ ދަށުން، ކުންފުނިތަކުގައި އިތުރަށް ތިބި މުވައްޒަފުންގެ އަދަދު މަދުކުރެވިގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަވެ ރައްޔިތުންނަށް ފައިދާހުރި ހަރުދަނާ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.